ހައި ކޯޓުން ދެކެނީ ޔާމީންގެ އިސްތިއުނާފު އަދި ލަސްނުވާ ކަމަށް

Follow @loamaaOnline
--

ރައީސް ޔާމީން--- ފޮޓޯ: މިހާރު


ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ވެގެން ދިޔަ ނަމަވެސް ހުކުމުގެ އަޑުއެހުން ތާވަލުކުރުން އަދި ލަސްނުވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

އާރަށް ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް އިއްވީ، 11 އަހަރުގެ ޖަލު ހުކުމާއިއެކު ފަސް މިިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމުގެ ހުކުމެވެ. 

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ 21 ނޮވެމްބަރު 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. އެހެންކަމުން ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވުމުން އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުން ތާވަލުކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން ހައި ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލްއާ ބައެއް މީޑިއާތަކުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ އަޑުއެހުން ކޯޓުގެ ތާވަލުގައި އަދި ހިމަނާފައި ނުވާ ކަމަށެވެ.

"ހައި ކޯޓުން ނުދެކެން އެ އަޑުއެހުން ލަސްވެއްޖެ ކަމަކަށް، އެއީ 2023، ގެ ފަހުކޮޅު އަޑުއެހުންތައް ނިންމައިލި މައްސަލައެއް، ކޯޓުގައި އެބަ އޮތް 2017، 2018، 2019، ގައި ހުށަހެޅުނު އެތައް މައްސަލައެއް ވެސް އަދި ނުނިމި،" އަމީން ވިދާޅުވިއެވެ. 

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ ގެކޮޅަށް ބަދަލުކުރައްވާފައެވެ. އޭގެ ފަހުން މިހާރު އެ މަނިކުފާނު ހުންނެވީ ރަށު ބަންދުގައެވެ. 

ރައީސް ޔާމީންގެ އެހެން މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް އެބައޮތެވެ. އެއީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން އެ މަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok