ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅީތީ އެކަމާ ވިސްނާ ވިސްނާ ނުވެސް ނިދުނު: ރައީސް

Follow @loamaaOnline
--

ރައީސް ޑރ. މުހައްމަދު މުއިއްޒު--


ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދުމުގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވައިގެން ހުރަސް އެޅުމަކީ، އެ މަނިކުފާނު ނުކުރަން އަންގާފައި އޮތް ކަމެއް ކަމަށާއި އެކަމާ ހިތާމައެއް ކަމަށާއި އެކަމާ ހުރެ ރޭ ނުވެސް ނިދިކުރެއްވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފައްދާ ޖަލްސާގެ ތައްޔާރީތައްވެ، ޖަލްސާ ބާއްވަން ނިންމާފައިވާ ގިޔާސުއްދީން ސްކޫލަށް މީހުންވެސް އައި ފަހުން އެސްއޯ ފުލުހުން ނުކުމެ ވަނީ އެ ސްކޫލުގެ ގޭޓު ބަންދުކޮށް ޖަލްސާއަށް ހުރަސް އަޅައިފައެވެ. އަދި އެ ވަގުތު އެ ތަނުގައި ތިބި ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުންކޮށްފައެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާއްމުންނަށްވެސް އަނިޔާވެފައިވެއެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވީ، ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށެވެ. އަދި މީގެ ކުރީގައި ރާއްޖޭން ފެނުނު ގޮތަށް ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީ ހިޔާލު ފާޅުކޮށްގެން މީހަކަށް ދޭނެ އަދަބެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ، ރޭގައި ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމުގައި އަމަލުކުރި ގޮތުން ހިތާމަކުރާ ކަމަށެވެ. އަދި އެއީ އެ މަނިކުފާނުގެ އިރުޝާދާ ސީދާ ހިލާފަށް ކުރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

"ރޭގައި ހިނގި ކަންތަކުގައި އަޅުގަނޑު ވަރަށް ހިތާމަ ކުރަން ވަރަށް ފަހުން އަޅުގަނޑު ފުލުހާ ބައްދަލު ކުރި އިރު އެރޭ ހުރިހާ ފުލުހުންނަށް ވެސް ދެންނެވިން އޭގެ ކުރިން ވެސް ސީޕީއަށް ވެސް އަދި އިސްވެރިންނާ ހޯމް މިނިސްޓަަރަށް ވެސް އަޅުގަނޑު ދީފައި އޮންނާނެ އިރުޝާދަކީ ސިޔާސީ ގޮތުން ވަކި މީހަކަށް ގޯނާއެއް އުނދަގުލެއް ކުރާކަށް އަޅުގަނޑުގެ ފަރާތަލުން ނާންނާނޭ އެއްވެސް އިރުޝާދެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެސްއޯ ފުލުހުން ފޮނުވަން ވެއްޖެ ނަމަ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

"އެހިސާބަށް ދިޔައިމަ އަޅުގަނޑު ދަންނަވާނަން ބައެއްގެ މުދަލަށް ދައުލަތުގެ މުދަލަށް ގެއްލުންދީ ރޯކޮށް މީހުނަށް އަނިޔާކޮށް ޖިސްމާނީ ހާނީއްކަކޮށް މުގައްދަސް ތަނަކަށް މިސްކިތްތަކަށް ގެއްލުން ދޭ އެހިސާބަށް ދިޔައިމަ އެނގޭނެ،. އެހިސާބަށް އިރާދަ ކުރެއްވިއްޔާ ނުވެސް ދާނެ. އެހާ ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ މިކަން މި ހިނގީ ދިމާ އިދިކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ ފުލުހުން ހުއްޓުވިކަމަށް އެނގިވަޑައިގެންނެވީވެސް ނޫސްތަކުން ކަމަށާއި ވަގުތުން އެކަމަށް އެޓެންޑުކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑްވެ ހޯމް މިނިސްޓަރަށް ދެންނެވީން ކީއްވެގެންތޯ އެހެންވީ؟ އަޅުގަނޑު އިންސްޓަރަކްޝަނެއް ދީފައި އޮއްވާ! މިނިސްޓަރު ވިދާވީ އޮންނާނީ ސީޕީއަށް ދަންނަވާފައޭ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކޭ.. ދެން އަޅުގަނޑު ގުޅީ ސީޕީއަށް ދެންނެވިން ކީއްވެގެން މިކަން މިހެން މިވީ އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން ކާކު ކޮންގޮތަކަށް ދިން އިރުޝާދެއްތޯ، ކިހިނެއް ހިނގި ކަމެއްތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މައްސަލައިގެ އިންވެސްޓިގޭޝަން ރިޕޯޓް މިއަދު ލިބޭނެ ކަމަށާއި ފިޔަވަޅު އަޅަން ޖެހުނު ކޮންމެ ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށާއި ސަރުކާރަށް އިތުބާރު އޮންނަން ބޭނުންވާ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާ އެސްއޯ ފުލުހުން ފޮނުވައިގެން ހުއްޓުވީތީ އެކަމާ ވަރަށް ބޮޑަށް ވިސްނޭ ކަމަށާއި އެކަމާ ހުރެ ރޭ ނިދިވެސް ނުކުރެއްވުނު ކަމަށެވެ.

"އެކަމާ ހުރެ އަޅުގަނޑު ހަގީގަތުގައިވެސް މިހުރީ ރޭގައި ނުވެސް ނުދާ. އަދިވެސް މިހުރީ ނުވެސް ނިދާ. ހަމަ އެކަމާ ވިސްނާ ވިސްނާ އަޅުގަނޑަށް މިކަމުގެ ރިޕޯޓް ލިބި މިކަމުގެ ހަގީގަތް އެނގި މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ ހިތްހަމަޖެހުމެއް ލިބޭނެ ހެނެއް" ރައީސް ވިދާޅުވިއެވެ. 

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅި ސަބަބެއް ކަމުގައި ފުލުހުން ބުނެފައިވަނީ، އެ ޖަލްސާ ބާއްވަން އުޅުނީ ހުއްދަ ނުހޯދައި ކަމަށްވާތީ އެ ސްކޫލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ.

ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ރޭ ވަރަށް ދަންވެފައިވަނިކޮށް ބާއްވާފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމު ސަރަހައްދުގައި ވަރަށް އާދައިގެ ގޮތަކަށެވެ. އެ ޖަލްސާގައި 300 ވުރެ ޕީއެންއެފްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok