ރައީސް ދެކުނުގެ ހަތަރު އަތޮޅަށް ފުރާވަޑައިގެންފި

Follow @loamaaOnline
--

18 ފެބްރުއަރީ 2024: ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ފުރާވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.

މިއަދު ފުރަތަމަ ވަޑައިގަންނަވާނީ އައްޑުއަށެވެ. ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ.

ގދ. އަތޮޅުން ރައީސް މުއިއްޒު ވަޑައިގަންނަވާނީ ފަރެސްމާތޮޑާ އާއި މަޑަވެއްޔާއި ތިނަދު އާއި ގައްދުއަށެވެ. ގއ. އަތޮޅަށް ބުދަ ދުވަހު ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ގައްދު އާއި ގެމަނަފުއްޓާއި ކޮނޑޭ އާއި ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދާންދޫ އަދި ކޫއްޑުއަށެވެ.

ފަސްދުވަހުގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސުް، ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނު މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި މީގެ ކުރިން އެކި ފަހަރުމަތިން  ވިދާޅުވެފައިވެއެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އައްޑު އާއި ފުވަމުއްލަކާއި ގއ. އަދި ގދ. އަށް ދަތުރުފުޅެއް މިއަދު ފެއްޓެވިއިރު، މިދިޔަ ހަފުތާއެއްހާ ދުވަސް ކުރިން ތ. އަތޮޅަށް ވަޑައިގެންނެވި އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok