އައްޑޫ ސިޓީގެ ސިޔާސީ މަސްރަހު ބަދަލުކޮށްލަން މަޖިލީހަށް ވާދަކުރުމަށް ޑީޕް ސިނާ ފޯމު ހުށަހަޅުއްވައިފި

Follow @loamaaOnline
None

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވުމަށް ޑީޕް ޝިނާ ފޯމު ހުށަހަޅުއްވަނީ


އައްޑޫ ސިޓީގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމުގެ ވަރުގަދަ އަޒުމާއެކު، ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ޓިކެޓުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް މުހައްމަދު ޝިނާން (ޑީޕް ސިނާ)، އިލެކްޝަން ކޮމިޝަން (އީސީ)އަށް  ފޯމު ހުށަހަޅުއްވައިފިއެވެ. 

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ސިނާ ފޯމު ހުށަޅުއްވާފައިވަނީ، ދާއިރާގެ އިސް ބޭފުޅުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއެކު އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
 




"ލޯމާ" އަށް މައުލޫމާތު ދެއްވަމުން ސިނާ ވިދާޅުވީ، އައްޑޫ ހިތަދޫ އުތުރު ދާއިރާއަކީ، ފާއިތުވި 20 އަހަރުވެސް ވަކި ފަރާތަކުން ކޮންޓްރޯލް ކުރަމުން އައި ދާއިރާއެއް ކަމަށާއި އައްޑޫ ސިޓީގެ ތަރައްގީގެ ދުވެލި އެހާ ބޮޑަށް ފަހަތައް ސޮއްސައިލައިފައިވަނީ  އެ ސަބަބާހުރެ ކަމަށެވެ. 

ސިނާ ވިދާޅުވީ، އައްޑޫ ސިޓީގެ އެންމެ ވާދަވެރި ދާއިރާއަށް އޭނާ ވާދަކުރަނީ، ސިޔާސީ މަސައްކަތް ހަމަހަމަ އުސޫލެއްގެ ތެރެއިން ކުރުމުގެ މަގު ފަހިކޮށްދިނުމާއެކު، ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ގޮތް ނުވެ ކުރިބެދިފައި ތިބި މީހުންގެ އަތުގައި ހިފައި އެ މީހުންނަށް އެ ދާއިރާއިން ކުރިއަށްދާން ފުރުސަތުތައް ހޯދައިދީ، ފާއިތުވި 20 އަހަރު ދުވަހު ސިޔާސީ ގޮތުން އައްޑޫ ސިޓީ މަޑުޖެފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އައްޑޫގެ ކޮންމެ މީހަކަށް އައްޑޫ ސިޓީގެ ތަރައްގީއަށް، އެ ސިޓީގެ ކުރިއެރުމަށް ކުރާ ކަންކަމުގައި ބަސް ބުނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ ކަމަށް." ސިނާ ވިދާޅުވިއެވެ.

ސިނާ ވިދާޅުވީ، އެންމެ އަސާސީ ކަންކަން "ވައުދު" ލިސްޓުން ފުރާލުމުގެ ބަދަލުގައި އޭނާގެ އަމާޒަކީ، ދެމެހެއްޓެނިވި ތަރައްގީއާއި ތަމައްދުން އައްޑޫ ސިޓީއަށް ގެނެސް ދިނުން ކަމަށެވެ. 

އުމުރުން 39 އަހަރުގެ ސިނާއަކީ ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންނާއި ހާއްސަ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އޭނާ ވަނީ، ފާއިތުވި އަހަރުތަކުގައި އެކި ދާއިރާތަކުން ޒުވާނުން ބާރުވެރިކުރުވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހިތަދޫ ކްލަބް ޒެފިއާގެ ރައީސްގެ މަގާމު މިހާރުވެސް ފުރަމުން އަންނަ ސިނާއަކީ، އެ ކްލަބްގެ ތެރެއިން ޒުވާނުންނަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތާއި ފުޅާ ދާއިރާއެއްގައި ޒުވާނުން ނެރެގެން އިޖުތިމާއީ ހަރަކާތްތައް ހިންގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި ކޮށްފައިވާ ފަރާތެކެވެ. 




ސިނާއަކީ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ޑައިވިންގެ ދާއިރާގައި ރިސޯޓްތަކާއި ސަފާރީތަކުގައި މަސައްކަތް ކޮށްފައިވާ ކޮލިފައިޑް ޑައިވަރެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިވްތައް ކުރުމުގެ އިިތުރުން ސިނާ ވަނީ ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުވެސް  މަސައްކަތްކޮށްފައެެވެ.

ސިނާ ފާހަގަވެފައިވަނީ، ކަނޑުގެ ގުދުރަތީ ނިޒާމަށް ބަދަލު އަންނަ ފަދަ އަމަލުތަކާއި އަބަދުވެސް ދެކޮޅު މީހެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓްގައި އެތަކެއްޗަށް ކާންދިނުމާއި ދެކޮޅަށް އަޑުއުފުލައި، ރިސޯޓްތަކުން އެއްތަނަކަށް ޑަސްބިން އަޅައިގެން މަހަށް ކާންދިނުމާއިި ދެކޮޅަށްވެސް އަޑުއުފުލައިފައެވެ. އަދި ރާއްޖޭގައި ޑައިވިން އެސޯސިއޭޝަނެއް އޮވެ، އުސޫލުތަކެއް އެކުލަވާލެވިފައި ވީނަމަވެސް، އެ ދާއިރާގައި ގަވައިދުތަކާއި ފުށުއަރާ އަމަލުތައް ބެލެހެއްޓޭނެ ނިޒާމެއް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ކަންބޮޑުވުންވެސް ސިނާގެ އެބައޮތެވެ. 

ސިނާއަކީ ދިވެހީންގެ ލޭ ނާރުކަމުގައިވާ މަސްވެރިކަމާވެސް ގުޅިފައިވާ ފަރާތެކެެވެ. އެގޮތުން އަމިއްލަ އޮޑިއެއްގައި މަސްވެރިކަމުގެ ސިނާއަތުގައި ސިނާ މިހާރުވެސް ހަރަކާތްތެރިވެއެވެ. އެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތައް ސިނާއަށް އެނގެއެވެ. އެކަމަށް އޭނާ ނިކަން ފަރިތައެވެ.  

ސިނާގެ އުންމީދަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާ ގުޅިގެން އެދެވޭ ހެޔޮ ބަދަލެއް އައްޑޫ ސިޓީއަށާއި ރާއްޖެއަށް ގެނެސްދިނުމެވެ. އެ އުންމީދުގައި އޭނާ މިއަދު އެހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫނެވެ. އެއަށް ވުރެ މާ ގަދަކޮށް އައްޑޫގެ މަލަމަތި އުޖާލާކޮށްދިނުމަށް ކަމަރު ބަނދެގެނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok