ފަތުރުވެރި، ފުދުންތެރި، އަބުރުވެރިކަމާއި ހިލްމުގެ ދާއިރާއަކަށް ކިނބިދޫ ދާއިރާ ހެދުމަށް އިނާޒުގެ އަމާޒު!

Follow @loamaaOnline
--

--


ތ.ހިރިލަންދޫ، އަނބުގަސްދޮށުގެ އިބްރާހިމް އިނާޒަކީ މިއަދު އާ ނަމެއް ނޫނެވެ. އޭނާއަކީ އެތައް ބަޔަކު ދަންނަ, ދެކެފަރިތަ މޫނެކެވެ. ހާއްސަކޮށް, ރާއްޖޭގެ އިގްތިސޯދުގެ މައިބަނދަކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނާޒަކީ, އާރުލާ ހަކަތަހުރި ނަމެކެވެ. ދާއިރާގެ ވެރީންގެ އިތުބާރު ހޯދާފައިވާ ނޫކަށިފުރައިގެ ޒުވާން ލޭ ހިނގާ ތަޖުރިބާކާރެކެވެ. 

ކިނބިދޫ ދާއިރާއަކީ، ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ރަށް އެކުލެވޭ އެއް ދާއިރާއެވެ. މެދު ރާއްޖެތެރޭގެ އެންމެ ދެކުނު ބިތުގައި އޮތް ކިނބިދޫ ދާއިރާގެ ފަސް ރަށުގެ ހުވަފެންތައް މިއަދުވެސް އޮތީ ބިލާހެއްގެ ގޮތުގައެވެ. ގުދުރަތީ މުއްސަނދިކަމާއި މަސައްކަތްތެރިކަމުގައިވެސް ކިނބިދޫ ދާއިރާގެ ރަށްތަކަކީ ފާހަގަކޮށްލެވޭ ރަށްތަކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގައިވެސް ކިނބިދޫ ދާއިރާގެ ރަށްތަކަކީ ރާއްޖޭގެ އެންމެ އުހުގައި ގުނާލެވޭ ރަށްތަކެވެ. ނަމަވެސް, އެ ހުރިހާ ކަމަކާއެކުވެސް, އެ ދާއިރާގެ ރައްޔިތުންގެ އެތައް އުންމީދުތަކެއް ހުވަފެނެއްގެ ސިފައިގައި ކުލަ ނުޖެހި އަދިވެސް އެބައޮތެވެ. ކަޅާއިހުދުން އެ ދާއިރާގެ ރައްޔިތުން ދެކެމުން އައި ޒަމާންވީ ހުވަފެނުގައި ކުލަފިހިން ކުލަކޮށްދެވޭނީ ހުނަރާއި އިލްމާއި ހިލްމުގެ ދާއިރާގެ ދަރިއަކަށެވެ. ދާއިރާއަށް ފަރިތަ ވާހަކަ ދެކެވޭނެ މޫނަކަށެވެ. ކިނބިދޫ ދާއިރާއަށް ޒަމާނީ ބަދަލެއް ގެނައުމަށް ކަމަރު ބަނދެގެން ހުރި އެކަކީ އިނާޒެވެ.



ތ.ހިރިލަންދޫ ސްކޫލުން ތައުލީމު އުނގެނުމުގެ ފުރަތަމަ މަރުހަލާއަށް ފަހު، ސީއެޗްއެސީން އޭ ލެވެލް ނިންމައި، ޕްރޮފެޝަނަލް ދާއިރާތަކުން އިނާޒް ވަނީ ޑިގްރީ އަދި މާސްޓަ ޑިގްރީ ހާސިލުކޮށްފައެވެ. ކިޔެވި އެއްޗެއްގެ އަލީގައި, އިނާޒް ވަނީ އޭނާގެ ގާބިލިއްޔަތުކަން ދައްކުވައިދީފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހޭދަކުރި މުއްދަތުގައިވަނީ އެތައް މަސައްކަތްތަކެއް ހަގީގަތަކަށް ހަދައިދީފައެވެ. ފިނޮޅު، ހިލްޓަން, ފޯސީޒަން ފަދަ މަތީ ފަންތީގެ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކޮށް ލިބުނު ތަޖުރިބާއިން އިނާޒް ވަނީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅޭ ފުރަ މާލޭގެ ބަވަނަވެފައިވާ ރައްޔިތުންގެ ހިތްތަކަށް ލިބުނު ތަސައްލީ ކަމުގައިވާ ޕިކްނިކް އައިލެންޑް, ކ. ކުޑަގިރީގެ ތަރައްގީ ކުރުމުގެ ކޮންސަލްޓެންޓުކަންކޮށްފައެވެ. .

މީގެ އިތުރުން ޔޮޓު މެރީނާއެއްގެ ގޮތުގައި ދިޔަނެރުފަޅު ތަރައްގީ ކުރުމާއި، ހުޅުމާލޭ ޓުއަރިޒަމް އައިލެންޑު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު މިހާރުވެސް ކުރިއަށްދަނީ އިނާޒު ފެނުމާއި ދަތުމުގެ ދަށުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ އަހަރުތަކެއް ވަންދެން ކުރި ހިދުމަތުގެ ސަބަބުން އިނާޒަށް ވަނީ އެ ސިނާއަތުގެ އިތުބާރާއި ޔަގީންކަން ލިބިފައެވެ. އެގޮތުން ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި "100 ޓޮޕް ގްލޯބަލް އެޗްއާރު މައިންޑްސް" އަދި "50 މޯސްޓު ޓެލެންޓެޑް އެޗްއާރު" ލީޑާސް ހިމެނެއެވެ.

ހިދުމަތް ކުރުމުގައި ހޭދަވި ދިގު މުއްދަތުގައި ލިބިފައިވާ ތަޖުރިބާ އިނާޒު ބޭނުން ކުރީ މި ދާއިރާއަށް އަލަން ނުކުންނަ ޒުވާނުން ތަމްރީނު ކުރުމަށެވެ. އެގޮތުން "މައި އެންޓްރީ ޓު ހޮސްޕިޓަލިޓީ" ގެ ނަމުގައި ތިން މަސް ދުވަހުގެ ކޯހެއް ހިލޭ ސާބަހަށް ހިންގައި 100 އަށް ވުރެ ގިނަ މީހުން ބިނާކުރިއެވެ.



ގައުމެއްގެ އެންމެ ބޮޑު އެއް ރައުސުއްމާލަކީ އިލްމު ލިބިހުރި ގާބިލް މީހުންނެވެ. އެއީ ސަރުކާރެއްގެވެސް ގަދަ ފައެވެ. ސިޔާސަތުތައް އެކުލަވާލައި, އެ ހުރިހާ ޒިންމާތައް އަދާކުރަނީ އިލްމީ ފަރާތްތަކުންނެވެ. އޭގެ ތެރެއިންވެސް އިނާޒަކީ މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ދައުރުގައި، އޭރުގެ ތައުލީމީ ސިޔާސަތުގައި ހިމެނޭ ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމް ގެ ފްރޭމްވޯކް އެކުލަވާލުމާއި، ސްކޫލުތަކުގައި އެ ޕްރޮގްރާމް ހިންގުމުގެ އަމަލީ މަސައްކަތުގައި އިނާޒު އިސްދައުރެއް އަދާކުރިއެވެ. މިއީ ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް އަމަލީ ތަޖުރިބާ ހޯދައިދައިދިނުމަށް އަމާޒުކޮށް ބައްޓަންކޮށްފައިވާ ބޭނުންތެރި ޕްރޮގްރާމެކެވެ. މީގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ (ޕީޕީއެމް/ޕީއެންސީ) ޓުއަރިޒަމް މެނިފެސްޓޯ ތައްޔާރުކުރުމަށް އިނާޒުގެ ތަޖުރިބާ ހިއްސާކޮށް، މެނިފެސްޓޯ އެކުލަވާލުމުގައި ބައިވެރިވިއެވެ.

ކިނބިދޫ ދާއިރާގެ ގޮނޑިއަށް އިނާޒު ވާދަކުރާ މައިގަނޑު ސަބަބަކީ އުފަން ރަށް ހިމެނޭހެން ދާއިރާގެ ރަށްތަކުގެ (ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫ)ގެ ހާލަތު ރަނގަޅުކޮށް މާލީ ތަނަވަސްކަން އެ ރަށްތަކަށް ހޯދައިދިނުމާއި ދާއިރާގެ ރަށްތަކުގައި ހުރި ވަސީލަތްތައް އޭގެ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން ދާއިރާއަކީ އަމާން އަދި ރައްކާތެރި، "އިންވެސްޓަރުންގެ" ޝައުގުވެރި ދާއިރާއަކަށް ހެދުމެވެ. އެ އަޒުމުގައި އިނާޒު ނުކުމެ އެހުރީ ކޮއްތާއި ފެނާއި އަރުވައި ބަރާކޮށްގެން އޮޑި މެކުހަށް ޖެހުމަށް ކިނބިދޫ ދާއިރާގެ އޮޑީގެ ހުންގާނާއި ހަވާލުވެއެވެ. އެ ދަތުރު ފެށުމުގެ ކުރިން އޮޑިއަށް އަރާނެ ބަޔަކަށް އަބަދުވެސް އޭނާ މަރުހަބާ ކިޔާނެއެވެ. ގަދަ ކަނޑުތަކުގައި ދަތުރުކޮށް އިނާޒުގެ ދަތުރުގެ މިސްރާބަކީ, ކޮޅުމަޑުލު ދެކުނުން އޮތް ފަސް ރަށުގެ މަލަމަތި ތަނަވަސްކޮށްދީ އުޖާލާކޮށްދިނުމެވެ. ކޮޅުމަޑުލުން ފޮޅޭނެ އެންމެ އުޖާލާ މަލަކީ ކިނބިދަޫ ދާއިރާއަށް ހެދުމެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok