ސަރުކާރަށް 38 އަހަރު ހިދުމަތްކުރުމަށްފަހު، ކިނބިދޫ ދާއިރާއަށް ހިދުމަތްކޮށްދޭން މުހައްމަދު އަބްދުﷲ ނުކުންނަނީ!

Follow @loamaaOnline
--

މުހައްމަދު އަބްދުﷲ (މުހައްމަދު ފުޅު)--


ކޮޅުމަޑުލު ކަނޑޫދޫ، އައުގޭ އަލް މަރްހޫމް އަބްދުﷲ މޫސާ (އައުގޭ އަބްދުﷲ) އާއި އެ ރަށު އަލް މަރްހޫމް މުދިންހަސަންބޭގެ ދަރިފޫޅުމައިގޭ އަލް މަހްރޫމާ ފައުއްޒިއްޔާގެ މުހައްމަދު އަބްދުﷲ (މުހައްމަދު ފުޅު) އަކީ، ކަނޑޫދޫ ހިމެނޭހެން ކިނބިދޫ ދާއިރާގެ ފަސް ރަށް (ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ، ކަނޑޫދޫ) އަށް އާ މޫނެއް ނޫނެވެ. އޭނާއަކީ ގިނަ ބައެއްގެ ގާތް މިތުރެކެވެ. އެތައް ބަޔަކު ދެކެފަރިތަ މޫނެކެވެ. ހިތްހެޔޮ އެކުވެރިއެކެވެ. އެންމެންނާވެސް ގުޅޭ ހިތްތިރި ބޭފުޅެކެވެ.

މުހައްމަދު އަބްދުﷲ އަކީ ސަރުކާރަށް މެދުކެނޑުމެއް ނެތި 38 އަހަރު ހިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އޭނާ ދާއިރާއަށާއި ރަށަށް ހިދުމަތްކުރައްވާތާ ވަނީ 31 އަހަރުވެފައެވެ.

މުހައްމަދު އަބްދުﷲ، އަކީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވި ފަހުން މިވީ ވިއްސަކަށް އަހަރުގެ ތެރޭގައި ސިޔާސީ ކަންކަމުގައި "އެކްޓިވް" ކޮށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައިވެސް ގިނަ ހިދުމަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

މުހައްމަދު އަބްދުﷲ އެންމެ ހާއްސަ ކަމަކީ، ސިޔާސީ ގޮތުން ފިކުރު ބަދަލުނުވެ މިއަދާ ހަމައަށްވެސް ދެމި ހުންނެވުމެވެ. އެގޮތުން ޑީއާރްޕީން ޕީޕީއެމުން ޕީއެންސީއަށް ފުރޮޅުނު ސިޔާސީ ފިކުރުގެ މަތީގައި އޭނާ މިއަދުވެސް އެހުންނެވީ ގަދަކޮށެވެ. އިހްލާސްތެރި މެންބަރެއްގެ ގޮތުގައި ސާބިތުކަމާއެކުގައެވެ. މުހައްމަދު އަބްދުﷲ މިހާރުގެ އަމާޒަކީ އޭނާގެ ސިޔާސީ ތަޖުރިބާގެ އަލީގައި، ރަށު ފެންވަރުން ވީއްލި ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށްދިނުމެވެ. އެކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މުހައްމަދު އަބްދުﷲ މިހާރު އެވަނީ، މި މަހުގެ 23 ގައި ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ކިނބިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައި، ފޯމުވެސް ހުށަހަޅުއްވާފައެވެ.



ތައުލީމާއި މަސައްކަތުގެ ތަޖުރިބާ:

މުހައްމަދު އަބްދުﷲއަކީ އެއް ދާއިރާއަކަށްވުރެ ގިނަ ދާއިރާއިން އިލްމާއި ހިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން ޖަމާއަތްތެރިކަމާއި އިމާމުކަމާއި ހުކުރުކުރުމާއި ގާޒީކަމާއި ގާނޫނީ ވަކީލުކަމުގެ އިތުރުން މެނޭޖުމަންޓް ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ވެސް އޭނާ ވަނީ މަތީ ތައުލީމް ހާސިލްކުރައްވާފައެވެ.

ކަނޑޫދޫ ކައުންސިލްގެ އިދާރާގެ ކައުންސިލް އެގުޒެކެޓިވްގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ މުހައްމަދު އަބްދުﷲ ވަނީ، ކަނޑޫދޫއާއި އަތޮޅުގެ އެކި ރަށްތަކުގެ އޮފީސްތަށް ހިންގުމާއި ރަށާއި އަތޮޅުގެ ތަހުގީގު ޓީމުތަކުގައި މަސައްކަތް ކުރުމާއި އަތޮޅު ފިހާރަ ހިންގުމާއި އަދި މިނޫންވެސް ތަފާތު އެކި ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައެވެ. އެގޮތުން 6 މާރިޗް 1986 އިން ފެށިގެން މެދުނުކެނޑި މިއަދާ ހަމައަށް އޭނާ ވަޒީފާ އަދާކުރި ބައެއް އޮފީސްތަކުގެ ތެރޭގައި، ޑިޕާޓުމަންޓް އޮފް ޕޯސްޓުސް އެންޑް ޓެލެކޮމިއުނިކޭޝަންސް، ޑިޕާޓުމަންޓު އޮފް ރިލިޖަސް އެފެއާޒް، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް، ކަނޑޫދޫ އޮފީސް، ކަނޑޫދޫ ކައުންސިލްގެ އިދާރާ ހިމެނެއެވެ. އަދި ރަށު ފެންވަރުގައި، ކަނޑޫދޫގެ ކުޑަ ކަތީބުކަމާއި ކަތީބުކަމާއި އަތޮޅު ކޮމިޓީގެ މެންބަރުކަމާއި ކަނޑޫދޫ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި ކާތިބުމަކާއި ދެ ނަންބަރު ކާތިބުމަކާއި މެއިންޓަނަންސް އޮފިސަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ. 

ދާއިރާއަށް ކުރިމަތިލަނީ ކީއްވެ؟

މުހައްމަދު އަބްދުﷲ އަކީ ތަޖުރިބާއާއި އިލްމުން ޔަގީނުންވެސް މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއަށް ކުފޫ ހަމަވާ ބޭފުޅެކެވެ. އެއީ އޭނާއަކީ ގާނޫނު އަސާސީއަށް ފަރިތަ އަދި ފަރިތަކޮށް ދޫ ހެލޭ ބޭފުޅަކަށް ވުމުންނެވެ. ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތެވެ.

ކިނބިދޫ ދާއިރާގެ ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގައި މުހައްމަދު އަބްދުﷲ ވާދަކުރަނީ، ދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ވަރަށް ގާތުން ދެނެހުރެ، ދާއިރާގެ ކުރިއެރުމާ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި ދާއިރާތައް އުފެދި މިއަދާ ހަމައަށް އައިރުވެސް، ދާއިރާއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު އައިސްފައި ނެތުމުން ރައްޔިތުންނާ ގާތުން ދާއިރާއަށް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ދާއިރާގެ ދަރިއެއްގެ ލޯތްބާއި ކުލުނާއެކު ދާއިރާއަށް ހިދުމަތްކުރުމުގެ މަތިވެރި މަގުސަދުގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok