ފާތުންގެ ލޮލުން އުފަލާއި ހިތާމައިގެ ކަރުނަ!

Follow @loamaaOnline
--

ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް --- ފޮޓޯ: ނިޝާން/މިހާރު


އިދިިކޮޅު ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިރޭ މިވަނީ އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފައެވެ. ފިރިކަލުންގެ ވެރިކަން ނިމި، މި ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކުގައި ބެދި، މިދިޔަ ޑިސެމްބަރު  މަހުގެ 25 ވަނަ ދުވަހުން ފެށިގެން 11 އަހަރަށް ހުރަގެއަށްލީ ފަހުން، އަނބިކަނބަލުން ފާތުން ހުންނެވީ ސިޔާސީ މައިދާނާ އެއްކޮށްހެން ދުރުގައެވެ. އެކަމަނާ އިހްތިޔާރު ކުރެއްވީ ހަމަހިމޭންކަމާއެކު ގެކޮޅުގައި ހުންނެވުމަށެވެ. ސިޔާސީ އެއްވެސް ހަރަކާތަކުން މިވީ ފަސް އަހަރު ދުވަހު އެ ކަމަނާ ނުފެއެވެ.

ފާތުން އަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ސިޔާސީ، އިޖުތިމާއީ ގޮތުން މުހިންމު ދައުރެއް އަދާކުރެއްވި ކަނބަލެކެވެ. އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމޫނާ ކަނބަލެކެވެ. 

ސިޔާސީ ގޮތުން ބޮޑު ބްރޭކަކަށް ފަހު، މިރޭ އެކަމަނާ އަލުން ސިޔާސީ މައިދާނަށް ނުކުންނެވީ، ފިރިކަލުންގެ ހައްގުގައެވެ، ހުރަގޭގެ ތޭރިތަކުން ފިރިކަލުން ސަލާމަތްކޮށް، މިނިވަންކުރުމުގެ ވަރުގަދަ އަޒުމުގައެވެ. އެކަން ކުރެވެން އަންނަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެނެސްގެނެވެ. މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަންކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. 

ފިރިކަލުން މިނިވަންކުރުމުގެ ފޮނި އުންމީދުގައި މުއިއްޒަށް ކެމްޕެއިން ކުރެއްވުމަށް ފާތުން މިރޭ ނުކުންނެވިއިރު، އެ ކަމަނާގެ އަރިހުގައި މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އޭނާގެ އަނބިކަނބަލުންވެސް ވަނީ ކާނިވާ ސަރަހައްދުގައި ހުންނަ މުއިއްޒުގެ ކެމްޕެއިން އޮފީހަށް ވަޑައިގެންފައެވެ. ވާރޭވެސް ވެހެމުން ދިޔަ ވަގުތެއްގައި ހ. ދޫވެހިން ނުކުމެވަޑައިގެން ހިންގަވާފައި، ކެމްޕެއިން ޖަހަގައަށް ފާތުން ވަޑައިގެންނެވިއިރު، އެކަމަނާގެ ފަހަތްޕުޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގިނަ ސަޕޯޓަރުންވެސް ދިޔައެވެ. 

ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރަސްމީކޮށް ނުކުމެވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ޕީޕީއެމް


ކެމްޕެއިން ޖަހަގަ ތެރެއަށް ފާތުން ވަދެވަޑައިގެންނެވިއިރު، އެކަމަނާއަށް ފެނިވަޑައިގަތީ، ރައީސް ޔާމީނަށް އޮތް ތާއީދެކެވެ. އެތައް މާފަތިތަކެއް އެކަމަނާގެ ކަރުފުޅުގައި އެޅުވިއެވެ. އެތައް ބަޔަކު ލޯބިން ފިރުމާ ހެދިއެވެ. ހިތްވަރު ދިނެވެ. އެންމެ ފަހުން ފާތުމަގެ މައިލަނގޮނޑިއަށް ކެތް ނުވެ އެ ކަަމަނާއަށް ކީރިތި ކުރެއްވެން ފެއްޓެވުނެވެ. އެއީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުންގެ ބަދަހިކަން ހަމަ ލޮލަށް ފެނިވަޑައިގަތުމާއި ފިރިކަލުން ނެތްކަމުގެ ފަޅުކަން އިހްސާސް ކުރެވެމުންނެވެ. އުފަލާއި ހިތާމައިގެ ކަރުނައިން ފާތުންގެ ލޯފުޅު ތެމިފޯވިއެވެ. 

މުއިއްޒުގެ ކެމްޕެއިން ހަރަކާތާ ރަސްމީކޮށް ގުޅިވަޑައިގެން ފާތުން ވަނީ، އެ ކަމަނާއާ ބައްދަލުކުރެއްވުމަށް ޖަހަގައަށް އައި އެންމެންނާ ސަލާމްކުރައްވައި ގްރޫޕް ފޮޓޯއެއް ނަންގަވައިފައެވެ. ފާތުން މުއިއްޒާއެކު ނުކުންނެވުމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިނަށް މިވަނީ އިތުރު އާރޯކަމެއް ލިބިފައެވެ. އިތުރު އުންމީދެއް އާވެފައެވެ. ޖޯޝުން ފުރިފައެވެ. 

މުއިއްޒުގެ ކެމްޕެއިނާ ފާތުން ރަސްމީކޮށް ގުޅިވަޑައިގަތުމުން، އެތައް ބައެއްގެ ނުތަނަވަސްކަން ނިމުމަކަށް އައީއެވެ. މުއިއްޒާއި ޔާމީންގެ ގުޅުން ވަރުގަދަކަމުގެ ހެއްކަކަށް އެކަން ފުދެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok