އެންމެންގެ މިތުރު ބެންޖޯ: ފޭދޫ ދެކުނަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމުގެ ވަރުގަދަ އަޒުމެއްގައި!

Follow @loamaaOnline
None

ބެންޖޯ--


އައްޑޫ ސިޓީ ފޭދޫ، އަބްދުﷲ ހަނީފް (ބެންޖޯ) އަކީ ދިވެހިންނަށް ހާއްސަކޮށް ކުޅިވަރު އާއިލާއަށް އާ ނަމެއް ނޫނެވެ. އެކާވީސް ވަނަ ގަރުނުގައި ރާއްޖޭގެ މަތީ ފަންތީގެ ފުޓްބޯޅައިގައި 19 އަހަރު ވަންދެން ކުޅުނު އިތުބާރު އެއް ޑިފެންޑަރު، ބެންޖޯއަކީ އެތައް ބައެއްގެ އިތުބާރާއި ލޯބި ހޯދައިފައިވާ ބޭފުޅެކެވެ. ކުޅިވަރުގައި އާރުލާ "ހަރު" ނަމެކެވެ. ކުޅިވަރުގެ އިތުރުން ސިޔާސީ ދާއިރާގައިވެސް މިއަދު "ބެންޖޯ" އަކީ ވަރުގަދަ ނަމެކެވެ. އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އަދި ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދުވުމަށް ފަހު ދެގޮތެއް ނުވެ، ރަން ރީނދޫ ލަޝްކަރާއެކު ބެންޖޯ ވަނީ ސިޔާސީ އެތައް ހަނގުރާމައެއް ކޮށްފައެވެ. އެތައް ގުރުބާނީއެއް ވެފައެވެ.

އެމްޑީޕީން ވާދަކުރި ކޮންމެ އިންތިހާބެއްގައި ބެންޖޯގެ ދައުރު ބޮޑެވެ. ހާއްސަކޮށް އޭނާ ނިސްބަތްވާ އައްޑޫ ސިޓީގެ އިންތިހާބުތައް އެމްޑީޕީއަށް ހޯދައިދޭން ބެންޖޯ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ޒުވާނުންގެ އަތުގައި ހިފައި، އެ ޒުވާނުންނަށް ކުރިއަށްދެވޭނެ ގޮތެއް ހޯދުމަކީ، އެއިރުވެސް އަދި މިހާރުވެސް ބެންޖޯގެ އެންމެ ބޮޑު މަގުސަދެވެ. އެ އަޒުމުގައި، އަންނަ އާދިއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ރަން ރީނދޫ ޓިކެޓު ކިހިލަށް ޖަހައިގެން، ފޭދޫ ދެކުނު ދާއިރާއަށް ބެންޖޯ ނުކުމެ އެ ހުރީ، އެ ދާއިރާއާމެދު އޭނާ ދެކެމުން އައި ޒަމާންވީ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށެވެ.



ބެންޖޯގެ ކުޅިވަރު ހަޔާތް:

ދެހާސް ހަތަރު ނަ ވަނަ އަަހަރު، ބެންޖޯގެ ފުޓްބޯޅަ ކެރިއަރު ފެށީ، ފުރަތަމަ ޑިވިޝަނުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ފެނިގެންދިޔަ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އިންނެވެ. އޭނެ ޖެހިގެން، އައި އަހަރު އޭނާ ފެނުނީ، އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިންނެވެ. އަނެއްކާ ވެސް ހުރާ އަށް ބަދަލުވެ، 2005 ވަނަ އަހަރު އެ ޓީމަށް ކުޅުނު ބެންޖޯ، ދެން ބަދަލުވީ ވެސް އައިއެފްސީ އަށެވެ. އައިއެފްސީ ރީބްރޭންޑް ކުރުމަށް ފަހު، ވީބީ ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ފަހު، އެ ޓީމަށް ކުޅުނުއިރު، ބެންޖޯ ވަނީ އެ ޓީމުގެ ކެޕްޓަންކަންވެސް ކޮށް، 2008-2011 އަށް ވީބީ ސްޕޯޓްސް ކްލަބަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބެންޖޯ ވަނީ، އީގަސްލްސްއަށްވެސް ކުޅެފައެވެ. އެއަށް ފަހު، އަހަރެއްހާ ދުވަހު ކްލަބް ވެލެންސިޔާއަށްވެސް ކުޅުނެވެ. 

ބެންޖޯ ވަނީ ދިވެހި ފުޅުބޯޅައިގެ ބާނީ ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އެއަށް ފަހު ވީބީ ސްޕޯޓްސް ކްލަބަށް ކުޅެ އެ ޓީމުގެ ކެޕްޓަންކަންވެސް އޭނާ ކުރިއެވެ. އޭގެ ފަހުގައި، މާޒިޔާއަށް ކުޅެ، ޓީސީ ސްޕޯޓްސް ކްލަބަށްވެސް އޭނާ ކުޅުނެވެ. 



މަތީ ފަންތީގެ ކްލަބްތަކުގައި ކުޅުމަށް ފަަހު، 2020 ވަނަ އަހަރު  ބެންޖޯ ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްްސް (ސަސް)ގެ ކެޕްޓަންކަންވެސް ކޮށްފައެވެ. ސަސްއަށް ފަހު 2022 ވަނަ އަހަރުގެ ފަހުކޮޅު ވެލެންސިއާ އަށް ބަދަލުވުމަށްފަހު އަލުން އޭނާ ވަނީ އީގަލްސްއަށް ބަދަލުވެފައެވެ. ބެންޖޯގެ ކެރިއަރު ނިންމާލީ އެ ކްލަބުންނެވެ. 

ބެންޖޯގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ހުރާއާ އެކު ދިވެހި ލީގު ކާމިޔާބު ކުރުމާއި ވީބީއާ އެކު ދިވެހި ލީގު ތިން ފަހަރާއި އެފްއޭ ކަޕް ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރު ހިމެނެ އެވެ. ޓީސީއާ އެކު، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން، 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ހިމެނެ އެވެ.

ސިޔާސީ މައިދާނަށް ނުކުންނަން ޖެހުނީ ކީއްވެ؟

ބެންޖޯއަކީ އަބަދުވެސް އެހެން މީހުންގެ ލާބައަށް މަސައްކަތް ކުރި ބޭފުޅެެކެވެ. ހާއްސަކޮށް ކުޅިވަރު ދިރުވާ އާލާކުރަން އޭނާ ވަނީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކޮށްފައެވެ. ޒުވާނުންނާއެކީގައި ވަރަށް ގާތުން އޭނާ މަސައްކަތް ކުރިއެވެ. ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަން ތަޖުރިބާކޮށްފިއެވެ. ޒުވާނުންގެ އިތުރުން ޖުމްލަކޮށް ރައްޔިތުންގެ ހުރި މައިގަނޑު ކަންބޮޑުވުންތަކަކީ އޭނާ އަބަދުވެސް ވަކާލާތުކުރާ ކަންކަމެވެ.

ސަރުކާރުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރުމަށް ފަހު، މިހާރު ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް މަސައްކަތް ކުރަމުން އަންނަ ބެންޖޯ މަޖިލީހަށް ކުރިމަތިލީ، ރައްޔިތުންނާމެދު އޭނާ ދެކެމުން އަންނަ ކުލަ ނުވެ އޮތް ތަސައްވަރުގައި ކުލަޖެއްސުމަށެވެ. އަޑި އަޅާލައިފައިވާ އައްޑޫ، ފޭދޫގެ ކުރިމަގު އަލުން އާރާސްތުކޮށްދިނުމުގެ މަގުސަދުގައެވެ.



"ޒުވާނުންނަށް ވަރަށް ގިނަ ކަންކަން އެބަ ބޭނުންވޭ، ކޮންމެ ސަރުކާރަކުންވެސް ޒުވާނުންނަށް ދޭންވާ އަހަންމިއްޔަތުކަން އޭގެ ފުރިހަމަ ގޮތުގައި ނުދެވޭ، ޒުވާނުން އެކަންޏެއް ނޫން. ޖުމްލަކޮށް ރައްޔިތުންގެ އިހްސާސް އަޅުގަނޑަށް އެނގޭ. އެކަން ތަޖުރިބާކޮށްފިން، ވަކި ފަރުދެއްގެ ގޮތުގައި ހުރެ ކޮށްދޭން  ބޭނުންވާ އެތައް ކަމެއް ނުކޮށްދެވޭ. އެކަމު މަޖިލީހުގައި އިނދެ އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވިދާނެ. އެކަން ކުރާނެ ގޮތް އެކަމުގެ ތަޖުރިބާ އެބަހުރި" ބެންޖޯ ބުންޏެވެ.

ދާއިރާއަށް ބެންޖޯގެ ތަސައްވަރު

ބެންޖޯގެ އަމާޒަކީ އައްޑޫ ފޭދޫއަކީ، ތަރައްގީގެ ލިސްޓުގައި ގުނާލެވޭ ރަށަށް ހެދުމެވެ. އެންމެ އަސާސީ ބައެއް ކަންކަމުން މަހުރޫމްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އައްޑޫ ފޭދޫގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ބެންޖޯގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއެވެ. ވަޒީފާގެ ފުރުސަތުތަކާއި ސިއްހީ ނިޒާމާއި ކުޅިވަރުގެ ވަސީލަތްތަކާއި ކުށްމަދު އަމާން ފޭދޫއަކަށް ކުރާ ދަތުރުގެ މާލިމީކަމުގައި ބެންޖޯ ބޭނުންވަނީ ތަފާތު ދައްކާށެވެ. އެ ދާއިރާ ފަހުރުވެރިވާ މަޖިލިސް މެންބަރަކަށް ވުމަށެވެ. 

އެމްޑީޕީ ކީއްވެ؟

ބެންޖޯގެ ނަޒަރުގައި އެމްޑީޕީއަކީ ރާއްޖެއަށް މިހާތަނަށް އެންމެ ފައިދާ ހުރި ކަންކަން ކޮށްދިން ޕާޓީއެވެ. ވެރިކަން ކުރަން ލިބުނު ދެ ފުރުސަތުގައިވެސް ނަތީޖާ ނެރެދީފައިވާ ޕާޓީއަކީ އެމްޑީޕީކަމަށް އޭނާ ގަބޫލުކުރެއެވެ. ހައްގު މިންވަރު ހޯދައިދޭން ރީނދޫ އެ ލަޝްކަރު އޭނާއަށް މާ ކަމުދެއެވެ. އައްޑޫގެ ތަރައްގީއަށް އަދި ފޭދޫގެ ތަރައްގީއަށްވެސް އެމްޑީޕީއަށްވުރެ ގިނަ ކަންކަން ކޮށްދިން އެހެން ޕާޓީއެއް ބެންޖޯގެ ނަޒަރުގައި ނެތެވެ.




ބެންޖޯއަކީ އެންމެންނާވެސް ގުޅޭ ވާހަކަ ދެކެވޭ ބޭފުޅެކެވެ. ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތެވެ. މާޒީން ލިބިފައި އޮތީ އިހްތިރާމާއި ލޯތްބެވެ. އޭނާ ދޭ ޔަގީންކަމަކީ ނަފްސު ވިއްކާ ނުލާނެކަމުގެ ޔަގީންކަމެވެ. ފޭދޫ ދެކުނަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެކަމުގެ ޔަގީންކަން އޭނާ ދެއެވެ. ސަރުކާރާ ގުޅިގެން، ގެނެސްދެވެން ހުރި ހުރިހާ ތަރައްގީއެއް އޭނާ ގެނެސްދޭނެއެވެ. ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނެއެވެ. ބެންޖޯ އަބަދުވެސް އިސްކުރާނީ ރައްޔިތުންނެވެ. ގައުމެވެ. ދާއިރާއެވެ. އޭނާ މިއަދު ބޭނުންވަނީ ރައްޔިތުންގެ އިހްލާސްތެރި ވޯޓެވެ. އޭނާ ދޭ ޔަގީންކަމަކީ ރައްޔިތުން މާޔޫސްކޮށް ނުލާނެކަމުގެ ޔަގީންކަމެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok