ބޭބެއަށް ވަޅިން ހަމަލާދިން ލަމްހާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

Follow @loamaaOnline
None

---


މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި، ހ. އަލަވަލުގެ، ލަމްހާ ނަސީރު 26އ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ހެންވޭރުގެ ގެއެއްގެ ތެރޭގައި ބޭބެއަށް ވަޅިން ހަމަލާދީގެން ލަމްހާ ހައްޔަރުކުރީ 21 ޑިސެމްބަރު 2022 ގައެވެ. އެ މައްސަލައިގައި އޭނާ ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ބެހެއްްޓުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ލަމްހާ އަލުން ހައްޔަރުކޮށްފައި މިވަނީ، އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމުންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު ވަނީ 20 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާ ތަނަކީ އޭނާ ދިރިއުޅޭ ކޮޓަރިން ކަަމަށް ހެއްކެއްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކޮށް، ކިރުމަށް ބޭނުން ކުރާ އާލާތްތަކާއި ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެހި ހުރި ފުޅިތަކެއް ފެނިފައިވާ ކަަމަށް ބުނެފައި ވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން ލަމްހާގެ ޕާސްޕޯޓް އެ ސަރަހައްދުން ފެނުނުއިރު، އޭނާގެ ކުޑަކުމުދާތަކެތީގެ ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ.

ބަންދު އަމުރުގައިވާގޮތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 317،8395 ގްރާމް ކެނެބިސް ހުރި ކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ. އަދި މިކަމަކީ އިތުރު ފަރާތަކާއި ގުޅިގެން ހިންގާފައިވާ ކަމެއް ކަމަށް ބުނެފައިވާއިރު، މި މައްސަލައިގައި އިތުރު މީހަކަށް ތުހުމަތު ކުރެވި ބަންދުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ބަންދުގެ ޝަރީއަތުގައި ދިފާއުވުމަށް ލަމްހާ ވަނީ، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް ނެތް ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަން ނޫން ކަމަށް ބުނެފައެވެ. 

ކޯޓު އަމުރުން އެނގޭ ގޮތުގައި ލަމްހާއަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ބަންދު ލޮގް އޮންނަ ފަރާތެކެވެ.  


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok