ގއ. ވިލިނގިލީ ރޭޕް ކޭސް: ވަރުގަދަ ހެކި ގަރީނާއާއެކު ތުހުމަތުވާ ތިން މީހުންނަށް ދައުވާ އުފުލައިފި

Follow @loamaaOnline
---

---


ގއ. ވިލިގިލީގައި އަންހެނަކު ރޭޕުކުރި މައްސަލާ ގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. 

ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ކުށުގެ އަމަލު ސާބިތު ކުރުމަށް ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ހެކިބަސްދޭ މީހުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. 

މި މައްސަލާ ގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަކީ:

  • ލ. ގަން / މަތިމަރަދޫ ދަނބުރުއްދޮށުގޭ، އިބްރާހީމް ރިޒާ
  • ގއ. ވިލިނގިލި / ކެޔޮވިނަ، އަހްމަދު ޝާލް
  • ގއ. ވިލިނގިލި / މަލަސް، މުހައްމަދު މާއިލް މިހާދު

މި ތިން މީހުުން ވެސް މި ވަގުތު ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އެ ތިން މީހުންނަށް ރޭޕްގެ ދައުވާ އުފުލީ، މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއް ގައި މި ތިން މީހުން ގއ. ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި 21 އަހަރުގެ އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި އޭނާ ރޭޕްކުރިކަމުގެ ތުހުމަތުގައެވެ. 

މި މައްސަލައާ ގުޅިގެން ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ. 

ރޭޕްކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ. މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.

މި މީހުންގެ ތެރެއިން އިބްރާހީމް ރިޒާ ހައްޔަރު ކޮށް ކުޑަކަމުދާ ތަކެތި ނަގައި ތަހުލީލު ކުރިއިރު ކެނަބިސް އަށް ޕޮޒިޓިވްވެފައިވާތީ އޭނާގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok