ރައްޔިތުން، މުއިއްޒު ވެރިކަމަށް އިންތިހާބުކުރީ ޔާމީނުގެ ތަސައްވަރުތަކުގައި ކުލަ ޖެއްސުމަށް: އަބްދުއްރަހީމް

Follow @loamaaOnline
President Yameen with PNC Chairperson Abdul Raheem Abdulla (adhurey)

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއެކު--- ފޮޓޯ: ޕީއެސްއެމް


އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމަށް ރައްޔިތުން އިންތިހާބު ކުރެއްވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަސައްވަރުތަކުގައި ކުލަޖެއްސެވުމަށް ކަމަށް އެ ދެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި ޕީއެންސީގެ ކުރީގެ ރައީސް އަދި މިހާރު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އެ މަނިކުފާނުގެ އެދިލެއްވުމަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ކަރެކްޝަންސްއިން ވަނީ ޔާމީނަށް ސިއްހީ ކަންކަމަށް ބޭރަށް ނުކުމެ އުޅުމަށް ހުއްދަ ދީފައެވެ.

ކަރެކްޝަންސް އިން ޔާމީނަށް ދިން ލުއިތަކާއެކު، ޕީޕީއެމް ޖަލްސާތަކާއި ސިޔާސީ ކަންކަމުގައި ޔާމީން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑޫއަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕެއިންގައި އެންމެ ގަދައަށް ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނަކީ ރައީސް ޔާމީން އެންޑޯޒްކުރެއްވި ކެންޑިޑޭޓެއް ކަމަށެވެ.

"އެނގިވަޑައިގަންވާނެ އިންތިހާބު ކާމިޔާބުކުރެއްވުމަށްވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ދައްކަމުން ގެންދިޔައީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެއް ގޮވައިގެންނޭ އަޅުގަނޑުމެން މި ދަތުރުކުރަނީ. އަދި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއާއި އެމަނިކުފާނު ކުރިން ރާއްވަވާފައި އޮތް ތަސައްވަރުގައި ކުލަޖެއްސެވުމަށޭ ރައީސް ޔާމީންގެ ތާއީދާއެކު ޑރ. މުއިއްޒު މި ވަޑައިގަންނަވާނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ޔާމީނަށް ދެމުން ގެންދަނީ ގަސްތުގައި ރާވައިގެން ދެމުން ގެންދާ އަނިޔާއެއް ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު މުއާމަލާތާ ގުޅިގެން، ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ މިދިޔަ 25 ޑިސެމްބަރުގައެވެ. އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، އެ ކޯޓުގައި ކުރިއަށްދާ މައްސަލަވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ނަމަވެސް ފަނޑިޔާރުން ޗުއްޓީގައި އުޅުއްވާތީ އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދުފުޅަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. އެ މަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުން ކޯޓުތަކަށް އޮތް ނުފޫޒު ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok