ޔާމީން މިނިވަން ކުރަން ގޮވާލައި ހަރަކާތްތައް ނުބޭއްވުމަށް މުއިއްޒު ގޮވާލިނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން އަޑެއް ނޭހި!

Follow @loamaaOnline
---

--


އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ގޮވާލައި ހަރަކާތްތައް ނުބޭއްވުމަށް އެ ދެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލެއްވި ނަމަވެސް އެކަމަށް އެ ދެ ޕާޓީގެ ސަޕޯޓަރުން ބީރު ކަންފަތެއް ދީފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެއާއެކު ރައީސް ޔާމީން މިނިވަންވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް، ޑރ. މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. 

އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ނުގެންގޮސް ރައީސް ޔާމީން މިނިވަންކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ. 

"އެހެންވީމާ މިކަން މިގޮތަށް ކަންތައް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންގެ ދެ ޕާޓީގެ މެންބަރުންގެ ކިބައިން އެދެން ދެއްވުމަށް . އޭގެން ބޭރުން މަގުމައްޗަށް ނުކުމެ އެކި ކަހަލަގެ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް ހިންގާލުން ބާއްވައި ހެދުމަކަށް އަޅުގަނޑު ނޭދެން، އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މިކަން ރީތި ގޮތުގައި ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނު ވަކި މަގަކުން ހިންގަވައި، އަދި ދެ ޕާޓީގެ މެންބަރުން ވަކި މަގަކުން ހިންގަވާނަމަ ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.    

މުއިއްޒު އެހެން ވިދާޅުވިތާ ގަޑިއިރެއް ނުވަނީސް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އެ މަނިކުފާނު ދޫކޮށްލުމަށް ގޮވާލައި އިހުތިޖާޖުކުރަން ފަށާފައެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok