ދެވަނަ ބުރުގައި ވޯޓުލުމަށް ޔާމީން ރީ-ރަޖިސްޓާ ކުރައްވައިފި

Follow @loamaaOnline
--

--


މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރީ-ރަޖިސްޓާ ކުރައްވައިފިއެވެ. 

އެމްއެމްޕީއާރްސީގެ މައްސަަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލައްވާފައެއް ނުވެއެވެ.

ގައުމީ ދުވަހުގެ ހެޔޮ ހެދުން ޔާމީންގެ ފަރާތުން ފޮނުއްވައި، ޔާމީންގެ ވަކީލުންގެ ޓީމުގެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ކުރެއްވި ޓުވީޓުގައިވަނީ އިންތިޒާމުތައް ހަމަނުޖެހުމުން ފުރަތަމަ ބުރުގައި ޔާމީން ވޯޓު ނުލެއްވި ނަމަވެސް ދެވަނަ ބުރުގައި ވޯޓުލުމަށް ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތައް މިހާރު އެމަނިކުފާނު ފުރިހަމަ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމުވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ކެންޑިޑެސީ ބާތިލުވީއެވެ. އެހެންވެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީވެސް މުއިއްޒެވެ. އެގޮތުން މުއިއްޒު 101,494 ވޯޓު  ހޯއްދެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ. 

ޔާމީން ވަނީ ދެވަނަ ބުރުގައި މުއިއްޒުއަށް ތާއީދު އިތުރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އަހުމަދު ގެންދަަވަނީ މުއިއްޒުގެ ކެމްޕެއިންގައިވެސް ހަރަކާތްތެރިވަމުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok