އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅުމަށް ޖާބިރު ގޮވާލުމުން ނަޝީދު، ދެނެއް އެގޮތަށް ވާކަށް ނެތް

Follow @loamaaOnline
--

މަޖިލީހުގެ ރައީސް ނަޝީދާއި މެންބަރު ޖާބިރު--


އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލެއްވުމުން އެކަން އެގޮތަށް ވާން ނެތް ކަމަށް ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 ވުރެ ގިނަ ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. ތިންވަނަ 15،000 އަށް ވުރެ ގިނަ ވޯޓާއެކު ހޯދީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލައަކީ ޕާޓީ ދެބައިވުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވިއްޖެނަމަ އެ ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ އަނިޔާވެރިކަމުގެ ތެރެޔަށް އަލުން ދިއުމަށް އެއްވެސް ރައްޔިތަކު ނޭދޭނެ ކަމަށާއި ރާއްޖެ ފަހަތަށް ސޮއްސާލުމަށްވެސް ނޭދޭނެ ކަމަށެވެ. އަދި އެކަން ވިޔަކަވެސް ނުދޭނެކަމަށް ވިދާޅުވިއެވެ.

ޖާބިރު ވަނީ ހުރިހާ ޕާޓީތަކުން މަޝްވަރާކޮށް ރަައީސް ސޯލިހާ ގުޅިވަޑައިގެން ދެވަނަ ދައުރެއްގައި ރައީސް ސޯލިހަށް ވެރިކަން ހޯދައިދިނުމަށް ގޮވާލައްވައިފައެވެ. އެހާ ހިސާބުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެންޑީޕީގެ ކުރީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވަނީ ޖާބިރުގެ ވާހަކަ މެދުކަނޑާލައްވައި "ދެނެއް އެގޮތަށް ވާކަށް ނެތް" ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅޭނެ ގޮތެއް ދެން ނެތްކަމަށް ނަޝީދު ވިދާޅުވިއިރު، ރޭގެ ވަގުތެއްގައި އެ މަނިކުފާނު ވަނީ އެމްޑީޕީއާއެކުވެސް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ރައްޔިތުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން މީގެ ކުރިންވެސް ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އެ ޕާޓީން ނާރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok