ރައީސްގެ ތުހުމަތު ކެމްޕެއިން ޓީމުތަކަށް، މި ފަހަރު ފަރުވާކުޑަކޮށްފި!

Follow @loamaaOnline
---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: އިބޫ ކެމްޕެއިން ޓީމް


މީގެ ކުރީގައި އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން މަސައްކަތް ކުރާ ވަރަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކޮށްފައިނުވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ފުރަތަމަ ބުރުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެންމެ ބޮޑު ޗެލެންޖަކީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ބުނާ ވާހަކައިގެ ހަގީގަތް ސާފުކޮށް ނުދެވުން ކަމަށާއި ދެވަނަ ބުރެއްގައި އެކަން ކުރައްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ، ގިނަ ބަޔަކު ވޯޓުލާން ނުނިކުންނަ ކަމަށާއި ހުރިހާ ދާއިރާއަކުންވެސް އިދާރީ ކަންކަމަށް ފަރުވާކުޑަކުރެވިފައި އެބަހުރި ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުން 300-400 މީހުން ވޯޓުލާން ނުނިކުންނަ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ އެއް ސަބަބެއްކަމުގައި އެ ފަރާތްތަކުން ބުނެފައިވަނީ 4:00 ޖަހާއިރު ވޯޓުލުން ބަންދުކުރުމެވެ.

"އަނެއް ކަމަކީ އަޅުގަނޑުމެންނަށް ޓީމުތަކުން މީހުން ނެރުމުގައި ކުރީގައި ކުރާ ވަރަށް މަސައްކަތް ކުރެވިފައި ނެތް ކަމަށް އެބަ ފެނޭ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއި ލީޑަރުންނާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ކޯލިޝަންގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok