ޑރ. މުއިއްޒުގެ ލިންކްތަކުން ބިރު ގަންނަ އެތައް ކަމެއް އެބަ ފެނޭ: ރައީސް

Follow @loamaaOnline
---

---


ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ލިންކުތަކުން ބިރު ގަންނަ އެތައް ކަމެއް ފެންނަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ފުރަތަމަ ބުރުގައި ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެންމެ ބޮޑު ޗެލެންޖަކީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމަށް ބުނާ ވާހަކައިގެ ހަގީގަތް ސާފުކޮށް ނުދެވުން ކަމަށާއި ދެވަނަ ބުރެއްގައި އެކަން ކުރައްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ، ކެމްޕެއިން ޓީމުތަކުން ކުރީގައި ކުރި ވަރަށް މަސައްކަތް ނުކުރާ ކަމަށާއި އިންތިހާބުގެ ޓާންއައުޓް ދަށް ކަމަށެވެ. އަދި އެކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްވުމަށް އިތުރު ހިތްވަރެއްލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

" އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ވަރަށް ބަނަ، ވަރަށް އަނދިރިކޮށް މި ފެންނަނީ އަޅުގަނޑުމެންގެ އަނެއް ކެންޑިޑޭޓުގެ ލިންކްތައް ބަލާއިރު އަޅުގަނޑުމެން ބިރު ގަންނަ އެތައް ކަންތައްތަކެއް އެބަ ފެނޭ އެކަން އެގޮތަށް ވެއްޖެއްޔާ. އެހެންވީމާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާނީ އެކަމުން ސަލާމަތްވުމަަށް އެކީގައި މަސައްކަތްކޮށް ކާމިޔާބުކުރަން އެބަ ޖެހެއޭ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއި ލީޑަރުންނާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ކޯލިޝަންގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. އެގޮތުން ދޭއް ނުވަތަ ތިން ބަޔަކު އެމްޑީޕީއާ ދެވަނަ ބުރުގައި ގުޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok