އެންމެ ބޮޑު ޗެލެންޖަކީ ބޭރުގެ ސިފައިން ތިބި ވާހަކައިގެ ހަގީގަތް ހާމަކޮށްނުދެވުން: ރައީސް

Follow @loamaaOnline
President Solih with India PM Modi

ރައީސް ސޯޅިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު--- ފޮޓޯ: ރައީސް އޮފީސް


ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ވާހަކަތަކަކީ ދޮގެއްކަން ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށް ނުދެވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް މިއަދު ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް އަމާޒުކޮށް ދެއްކި ދޮގު ވާހަކަތަކަކީ މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލަން މަސައްކަތްތަކެއް ކޮށްފައި ހުރި ވާހަކަތަކާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ދެއްކި ވާހަކަތައް ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެޔަކަށް، ރައްޔިތުންނަށް އޮޅުންފިލުވައިދެވޭ ވަރަކަށް ކެމްޕޭން ތެރޭގައި މަސައްކަތް ކުރެވިފައެއް ނެތް. އެއީ އެންމެ ބޮޑު ޗެލެންޖަކަށް ފުރަތަމަ ބުރުގައި ވެގެންދިޔައީ. މިބުރުގައި އެ ހާމަކުރެވެން ހުރި ހުރިހާއެއްޗެއް ހާމަކޮށް އެކަން ރައްޔިތުންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުރަތަމަ ބުރުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަމަށާއި ލިބިވަޑައިގެންނެވީ އުންމީދު ކުރެއްވި ނަތީޖާއެއް ނޫން ކަމަށެވެ. އަދި އެވަނަ ބުރެއްގައި އެކަންކަމަށް ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok