ޔާމީންގެ މެސެޖެއް: މުއިއްޒުއަށް ތާއީދު އިތުރުކޮށްދެއްވާ، މިއީ ބޭރު ސިފައިން ފޮނުވާލަން ލިބޭ ފަހި ފުރުސަތެއް!

Follow @loamaaOnline
--

ރައީސް ޔާމީން-- ފޮޓޯ: މިހާރު


ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރެއްގައި ތާއީދު އިތުރުކޮށްދެއްވުމަށް ޕީއެންސީ-ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން، މުއިއްޒަަށް 101،128 ވޯޓު ލިބުނުއިރު، ރައީސް ސޯލިހަށް ލިބުނީ، 85،989 ވޯޓެވެ.

ނަމަވެސް އެއްވެސް ބޭފުޅަކަށް މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެވޭވަރަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ ދެވަނަ ބުރެއްގެ ވޯޓުލުން މި މަހުގެ 30 ގައި އޮންނާނެއެވެ. 

އެއާއެކު ރައީސް ޔާމީން ވަނީ، އެ މަނިކުފާނުގެ ވަކީލުން މެދުވެރިކޮށް ރައްޔިތުންނަށް މެސެޖެއް ދެއްވާފައެވެ.

"ޑރ. މުއިއްޒަށް ތިޔަބޭފުޅުންގެ އިތުރު ތާއިދު ދެއްްވައި، ހިތްވަރު ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ". ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. މުހައްމަދު ޖަމީލް  މެދުވެރިކޮށް އެމަނިކުފާނު ދެއްވި މެސެޖުގައި ވެއެވެ.

އެ މެސެޖުގައި ޔާމީން ވަނީ، މުއިއްޒަށް ވެރިކަން ހޯދައިދިނުމަކީ، ރާއްޖެއިން ބޭރުގެ ސިފައިން ބޭރުކޮށް ގައުމު މިނިވަންކުރަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

ޖަލު ހުކުމެއްގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނުއިރު މުއިއްޒަކީ އެ މަނިކުފާނުގެ ބަދަލު ކެންޑިޑޭޓެވެ. ރައީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒަށް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު މުއިއްޒު ވަނީ ވެރިކަން ލިބިއްޖެނަމަ ގާނޫނީ ހަމަތަކުގެ މަތީން ޔާމީން މިނިވަންކުރާނެ ކަމަށް ވިދާޅުވެފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok