ތާރީހީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް!

Follow @loamaaOnline
---

----


ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ލުން މިއަދު 8:00 ގައި ފަށައިފިއެވެ.

މި އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ އިންތިހާބެވެ. އެގޮތުން މިއަދު ބާއްވާ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ. 

އޭގެ ތެރޭގައި ހިމެނެނީ، ފަސް ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ ފަސް ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

  • ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
  • ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
  • ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
  • ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
  • ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު 8:00 އިން ވޯޓްލުން ފަށާފައިވާ އިރު، ހަވީރު 4:00 ގައި ވޯޓު ފޮށިތައް ކައިރީގައިކިއު ނެތް ފޮށިތައް ބަންދު ކުރާނެ ކަމަށެވެ.  ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރާތާ، 30 މިނެޓު ފަހުންނެވެ.

އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ، އިލެކްޝަންސް ކޮމިޝަންގެ ފާސް އޮތް މީހުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭއިރު އާއްމު ހިދުމަތްތަކުގައި ޔުނީފޯމް އެޅި މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާ އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ކިއުގައި ނުޖެހި ވޯޓު ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލި ބިފައިވަނީ 282،395 މީހުންނަށެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާއެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

މި އަހަރުގެ އިންތިހާބުގައި ރާއްޖޭގައި 574 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެއިން ބޭރުގައި 8 ފޮށި ބަހައްޓައެވެ. 

ވޯޓު ލުމުގެ ކަންކަން ހަވީރު 4:00 ގެ ފަހުން ނިމި ވޯޓު ފޮށިތައް ގުނަމުންދާ ވަރަކަށް، ނަތީޖާ އިއުލާންކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ވަގުތެއްގައި އިންތިބުގެ ވަގުތީ ނަތީޖާއަކާ ހަމައަށް ދެވޭނެއެވެ.

އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހޭނަމަ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok