ރަށެއް، ފަޅެއް ދޭކަށް ރައީސް އަރިހަކު ނޭދޭނަން، އަޅުގަނޑަކީ ފުރިފައި ހުރި މީހެއް: ސިޔާމް

Follow @loamaaOnline
MDA Leader Ahmed Siyam Mohammed

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު-- ފޮޓޯ: އިބޫ ކެމްޕެއިން ޓީމް


ނުހައްގުން އޭނާއަށް އެއްވެސް ކަމެއް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނޭދޭނެ ކަމަށް އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ސިޔާމް ވިދާޅުވީ، ރައީސަކީ ވަރަށް ހިތްހެޔޮ އަހުލާގު ރަނގަޅު މަޑުމައިތިރި ބޭފުޅެއް ކަމަށެވެ. އަދި ރައްދު ދިނުމާއި ހިނާޔާތުގެ ސިފަ އެ މަނިކުފާނުގެ ކިބައިން ނުފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސްގެ އަރިހުގައި އޭނާއަށް ނުހައްގުން އެއްވެސް ކަމެއް ކޮށްދޭން ނޭދޭނެ ކަމަށާއި އެހެން ރައްޔިތުންނާ މެދުވެސްް އަމަލުކުރާ އުސޫލުން ހަމަހަމަކަމާއެކު އޭނާއާ މެދުގައިވެސް އަމަލުކުރުމުން ނިމުނީ ކަމަށެވެ.

"އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރީގައި އަޅުގަނޑަށް ރިސޯޓު ހަދަން ރަށެއް ދޭށެކޭ. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރީގައި އަޅުގަނޑަށް ލެގޫނެއް ދޭށެކޭ. އަޅުގަނޑެއް ނާހާނަން ރައީސުލްޖުމްހޫރިއްޔާ ކައިރީގައި އަޅުގަނޑަށް ނުހައްގުން މިވެނިކަމެއް ކޮށްދޭށެކޭ. އެހެން ރައްޔިތުންނަށް ކޮށްދޭ ކަންކަން އަޅުގަނޑަށް ކޮށްދިނީމަ ނިމުނީ ހަމައިގެ މަތިން. އެނޫން އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫން. ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑަށް އެ އެއްޗެހި ދެއްވާފައި އެބަހުރި. އެހެންވީމާ އަޅުގަނޑުމީ ފުރިފައި ހުރި މީހެއް" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ ވެރިޔާ، ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައީސުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއާޕޯޓުތައް ތަރައްގީކޮށް އަހަރަކު ދިހަ މިލިއަން ފަތުރުވެރިން ގެނެވޭނެ ވަރަށް ރާއްޖެ ފައްކާވަމުން އަންނަ ކަމަށާއި އޭރުން ދިވެހީންގެ ޖީބުތައް ތަނަވަސް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok