ކުރީ ސަރުކާރުން ވަނީ ކޯނީ ރިޕޯޓު ގެއްލުވާލާފައި، އެ މައްސަލަ މިދަނީ ބަލަމުން: ރައީސް

Follow @loamaaOnline
--

---


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް ގެއްލިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނާ ހަވާލުކޮށް ތަހުގީގު ކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޯނީ ރިޕޯޓަކީ 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޯނީން ތައްޔާރުކޮށް ނެރުނު ރިޕޯޓެކެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ނޭކުރެންދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ކޯނީ ރިޕޯޓު މިހާރު ކޮބައިތޯ ސުވާލުކުރައްވައި، ކުރީ ސަރުކާރުން އެ ރިޕޯޓަށް ހެދި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"ޑިބޭޓުގެ ކޮންމެ ވެސް ބޭފުޅަކު ވިދާޅުވި، ކޯނީ ރިޕޯޓެއްގެ ވާހަކަ. މިހާރު އެ އޮތްތޯ ބައްލަވާ. އެ ވީތަނެއް ނޭނގޭ މިހާރަކު. އެ މައްސަލަ ބަލަން އަޅުގަނޑުމެން މިހާރު ވާނީ ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮންކަހަލަ ބޮޑު ސިއްރެއްތޯ؟ މިއަދަކު އެޔެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ

ރައީސް އިތުރަށް ވިދާޅުވީ، ކޯނީގެ ރިޕޯޓު ގެއްލުނު މައްސަލަ ބެލުމުން އެކަމުގައި ޒިންމާވާންޖެހޭ މީހުން އެނގޭނެ ކަމަށެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި "ސަންގު ބަހުސް"ގައި ހަތެއް ފެބްރުއަރީއާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ، ކޯނީ އެ ރިޕޯޓުގައި ވާގޮތުން، އެ ދުވަހު ރައީސްނަޝީދުގެ ވެރިކަން ވެއްޓުމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެކަން ސާފުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީގެ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ވެރިކަން ބަދަލުކުރުމުގައި ނާޒިމްގެ ދައުރު ބޮޑެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok