ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި
މިއަދު މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔު ހަވީރު 5:00 ޖެހުމާއެކު ބަންދުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި ނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.
ހަވީރު 5:00 ޖެހުމާއެކު ކިޔޫތައް ބަންދުކޮށްފައިވާއިރު މިހާރު ކިޔޫގައި ތިބި މީހުން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެ ކަމަށެވެ.
މި އިންތިޚާބުގައި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ. އަދި ވޯޓު ގުނުމުގެ ކަންކަން ނިމުނުހާ އަވަހަކަށް ވަގުތީ ނަތިޖާވެސް އިއުލާންކުރެވޭނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ހަވީރު 16:00 ޖެހުމާ ހަމައަށް ޖުމްލަ 2،563 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ 1،193 ފިރިހެނުންނާއި 1،370 އަންހެނުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4 ޖެހުމާއި ހަމައަށް 62.19 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މި އިންތިޚާބުގައި ޖުމްލަ 4،121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނަށެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.
ކޮމެންޓްސް (0)
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!