ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ހަރަދުކުރަން ރައީސް ނިންމަވައިފި
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ މާލީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލިބޭނެ ބަޖެޓެއް ނެތުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގްރީން ފަންޑުން ކަނޑައެޅޭ މި ފައިސާއަކީ ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރެވޭނެ ފައިސާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ބެލެހެއްޓުމަށާއި، އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށް ކަމަށެވެ. މީގެ އިތުރުން ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކަށްވެސް މި ފައިސާ ޚަރަދުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް މިހާރުވެސް ތަޙައްމަލުކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ޙަޤީޤަތް ކަމަށެވެ. އަދި މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން ކަމަށާއި، އެންމެން އިސްނަގައި، ޤައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނޭ ކަންކަމާމެދު ވިސްނައި، ޢަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓްސް (0)
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!