ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭ: ދައުލަތް

Follow @loamaaOnline
-

--


މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން އިއްވާ މަރުގެ އަދަބުތައް ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައިވާ އެތައް ބަޔަކު ތިއްބަސް، ރާއްޖޭގައި ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ. އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި 1953 ވަނަ އަހަރުއެވެ. 

ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެގޮތަށް ބުނީ އާދަމް ހަލީމްގެ ވާރިސުންގެ ތެރެއިން ބާލިއުނުވާ ކުޑަކުއްޖާ ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެތޯ ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލުގަ އެވެ.

ދައުލަތުން ބުނީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެ ކަމަށް އިސްލާމީ ބައެއް އިލްމުވެރިން ވިދާޅުވެފައި ވިޔަސް، އެގޮތަށް މަޑުކުރަން ނުޖެހޭ ސުންނަތް ޖަމާއަތުގެ އެހެން ބައެއް އިލްމުވެރިންގެ ވިދާޅުވާ ކަމަށާއި ރާއްޖޭގައި އަމަލުކުރަނީ އެގޮތަށް ކަމަށެވެ.

ދައުލަތުން އެހެން ބުނުމުން ރިޔާސަތުން ވަނީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ތަންފީޒު ނުކުރަންވީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފައެވެ.

ޖަވާބުގައި ދައުލަތުން ބުނީ މީހަކު މަރަން ކޯޓުން ހުކުމް ކުރުމުން މަރުގެ އަދަބަކީ ތަންފީޒު ކުރެވެން ޖެހޭނެ އަދަބެއް ކަމަށެވެ.

"ހުކުމް ތަންފީޒު ކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ގާނޫނުތަކުގެ ދަށުން ވެސް ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވަނީ ހެދިފައި. އެހެންވީމަ ގާނޫނީ ގޮތުން އެކަން އޮތްގޮތަށް ބަލާނަމަ ކޯޓަކުން ހުކުމް ކޮށްފައި ވީމަ އެ ހުކުމްތަކަކީ ތަންފީޒު ކުރެވެން ޖެހޭނެ ހުކުމެއް،" ދައުލަތުން ބުންޏެވެ.

ދައުލަތުން އިތުރަށް ބުނީ ވާސިރުންގެ ގޮތުގައި ކުޑަކުދިން ތިއްބަސް އެ ކުދިން ބޮޑުވަންދެން މަޑުނުކޮށްވެސް މަރުގެ އަދަބު ތަންފީޒުކުރެވޭނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok