ނައިފަރު މަޑިވަރު، ފެލިވަރު، ގާއެރިފަޅު އަދި ހިންނަވަރު ބުރިޖަކުން ގުޅާލަން ގާސިމް ވައުދުވެއްޖެ

Follow @loamaaOnline
--

ގާސިމް އިބްރާހީމް---


ޅ. ނައިފަރުން ފެށިގެން މަޑިވަރު އެއާޕޯޓާއި ފެލިވަރާއި ގާއެރިފަރާއެކު ހިންނަވަރާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި މަޑިވަރު އެއާޕޯޓުގައި ހުންނަވައި ގާސިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ނައިފަރުން ފެށިގެން ހިންނަވަރަށް ބުރިޖަކުން ގުޅާލާނެ ކަމަށެވެ.

"ހިންނަވަރަށް ދެވުނު ނަމަ އަޅުގަނޑު ވިސްނައިގެން ހުރީ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މިއޮތް މަޑިވަރާއި, ފެލިވަރާއި, ގާއެރިފަރާ ގުޅާލުމަށް. ދެން ކޮންމެ ގޮތެއް ވިޔަސް ކުޑަ ކަނޑުއޮޅިއެއް އެބަ އޮތް. ގާތްގަނޑަކަށް 300 މީޓަރު އެއް ފަޅު އަނެއް ފަޅާ ދޭތެރޭ ހުންނަނީ. އެންމެ ދިގު ދޭތެރޭ ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް އަޅުގަނޑު ބުރިޖުން ގުޅާލަދޭނަން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެރަށްރަށް ގުޅާލުމަށް މާބޮޑު ހަރަދެއް ނުދާނެ ކަމަށެވެ. އަދި އެރަށްރަށް ގުޅާލުމުން އެ ސަރަހައްދަށް އިގްތިސޯދީގޮތުން އެތައް ކުރިއެރުމެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން މުން އެ ސަރަހައްދު ސިޓީއަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 

ނައިފަރާ ހިންނަވަރާ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެކެވެ. އެ ދެ ރަށް ގުޅާލަނީ ބުރިޖަކުން ކަމެއް ނުވަތަ ކޯޒްވޭއަކުން ކަމެއް އެއިރު އެމަނިކުފާނު ވިދާޅެއް ނުވެއެވެ. ރައީސްގެ ފުރަތަމަ ދައުރު ހަމަވާން ކައިރިވެފައިވާއިރު އެ ދެ ރަށް ގުޅާލުމުގެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ، 

ހިންނަވަރަކީ ރައީސް ސޯލިހުގެ އުފަން ރަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok