ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލަން ރައީސް އަނެއްކާވެސް ވައުދުވެއްޖެ

Follow @loamaaOnline
Kinbidhoo- Veymandoo Causeway Concept

ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ކޮންސެޕްޓް--


ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަށް އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ވޭމަންޑުއާއި ކިނބިދޫ އަކީ އެއް ފަޅެއްގައި އޮންނަ ދެ ރަށެވެ. ވެރިކަމަށް ހޮވިއްޖެނަމަ އެ ދެ ރަށް ގުޅާލަދޭނެ ކަމަށް ރައީސް ސޯލުހު ވައުދުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިންނެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ތ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ކިނބިދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވިދާޅުވީ، ކިނބިދޫގެ ބިމުގެ ދަތިކަން ހައްލުކުރުމަށް 25 ހެކްޓަރުގެ ބިން ހިއްކުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުން އަންނަ އެއް ކަމަކީ އެ ރަށާއި ވޭމަންޑޫ ގުޅާލުން ކަމަށެވެ.

"..، ތިބޭފުޅުން ދެން އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަމަކީ ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ ވާހަކަ. ދުވަސްކޮޅެއް ވެއްޖެ އަޅުގަނޑުމެން އެވާހަކަ ދައްކާތާ. މި އިންނެވީ ޕްލޭނިން މިނިސްޓަރު އަސްލަމް. އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް އެކަމަށް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް އިދާރަކުރެއްވިއްޔާ. އެކަންވެސް ކުރާނީ އަޅުގަނޑުމެން" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ދެވަނަ ދައުރެއްގައި ކިނބިދޫގެ މަގުތަކުގައި ތާރު އަޅައިދީ އިތުރު ވަސީލަތްތަކާއެކު ކުޅިވަރު އެރީނާ ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ފުޓްސަލް ދަނޑު ނިންމައިދީ ސްކޫލުގައި މަލްޓި ޕާޕަސް ހޯލަކާއި އިތުރު ކްލާސްރޫމްތައް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކިނބިދޫ - ވޭމަންޑޫ ކޯޒްވޭގެ މަސައްކަތް ފެށިފައިނުވާއިރު، މިދިޔަ އަހަރުގެ ބަޖެޓުގައި މަޝްރޫއުގެ ޑިޒައިނާއި ކޮންސަލްޓެންސީއަށް 1،095،000 ރުފިޔާ ހިމެނި އެވެ.  ނަމަވެސް 2022 ވަނަ އަހަރު، ޕްލޭނިން މިނިސްޓަރު އަސްލަމް ވަނީ އެ މަޝްރޫއަށް 522 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި އެހާ އަގު ބޮޑު މަޝްރޫއެއް ހިންގަން ބަޖެޓެއް ނެތް ވިދާޅުވެފައެވެ.

ކޯޒްވޭ ނުފެށި ލަސްވާތީ ކިނބިދޫ ކައުންސިލުންވެސް މީގެ ކުރިން ވަނީ ރައީސަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

ދެވަނަ ދައުރެއްގައި ކިނބިދޫ-ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އަނެއްކާވެސް ވައުދުވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ތެރެއިން އުފެދުނު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ، ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އޮމަދޫ - ކިނބިދޫ - ވޭމަންޑޫ ގުޅާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok