ވާހަކަ: އިއުތިރާފް

Follow @loamaaOnline
Vaahaka - Iuthiraaf

ފޮޓޯ: އަންސްޕްލޭޝް


ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން ދިރިއުޅުން މަތިން ފޫހިވެއްޖޭ ބުނާ ހަނދާން އަދިވެސް އަހަރެން އެބަހުއްޓެވެ. ހަގީގަތުގައި ދިރިއުޅުން މަތިން ފޫހިވުމަކީ ކޮބައިކަން އިހުސާސްމިވަނީ މިހާރުއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނިދުމަކީ އަހަންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މިހުރިހާ ދައްޗަކާ އެކުވެސް ދިރިއުޅެވޭތޯ މަސައްކަތް މިކުރަނީ މަންމަމެންނަށްޓަކައެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް މަސްނޫއީ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިގެންހުރެ ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފްސާއި ކުރަމުން މިދާ ހަނގުރާމަ އެނގޭނީ ހަމަ އަހަންނަށެވެ. ބިރުގަންނަނީ މިހަނގުރާމައިގައި އަހަރެން ވަރުބަލިވެ، ބަލިކަށިވެ ހަގީގަތް އެމީހުންނަށް ހާމަވެދާނެތީއެވެ.

އަހަރެންގެ އާއިލާއަކީ މުއްސަނދި އާއިލާއެއްނޫނަސް އަހަރެމެން ދިރިއުޅެނީ ފުދިގެންނެވެ. ބައްޕައަކީ މާލޭ މީހަކަށް ވިޔަސް ކާފަގެ ގޯއްޗަކީ ކުޑަ ގޯއްޗެއްކަމުން ގެބަހައިގެން ކާފަގެ ކޮންމެ ކުއްޖަކަށް ލިބުނީ އެޕާޓްމެންޓެކެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެއް ހުރި ތަނެއް ކަމުން އަހަރެމެންގެ އާއިލާއަށް ހަމަޖެހިގެން އެތާނގައި އުޅެވޭވަރުވެއެވެ. އަހަރެންނާއި ބޭބެއަށް ވަކި ދެކޮޓަރި ހުރެއެވެ. ދެން ހުންނަ ކޮޓަރީގައި އުޅެނީ މަންމަމެންނެވެ. ބައްޕަ އާއި ބޭބެ އާއި އަހަރެން ވަޒީފާއަށް ދާތީ އެއްވެސް ދަތިކަމެއް ނެތި އުޅެވެއެވެ. ދިރިއުޅުން ހުއްޓުމަކަށްއައީ މުޅި އާއިލާއަށް ސިހުން ގެނުވި ހާދިސާއަކާއެކުއެވެ.

ލޯބިވާ މީހަކު ގެއްލުމަކީ ކިހާ ވޭންހުރި ކަމެއްކަން އަހަރެންވަނީ ތަޖުރިބާ ކޮށްފައެވެ. އަހަރެންގެ ބޭބެ މަރުވީ އަހަރެންގެ އުމުރުން 25 އަހަރުގައެވެ. ބޭބެއަކީ މަޖާ މިޒާޖެއްގެ މީހެއްކަމުން ބޭބެގެ މަރު ވެގެންދިޔައީ ގޭތެރޭގެ ދިރުން ގެއްލި އެންމެން ހަމަހިމޭން ކުރުވި ކަމަކަށެވެ. އެކަމުގެ ހިތާމަ އަދިވެސް އަހަރެންގެ ހިތުން ފިލައިގެން ނުދެއެވެ. ވަޒީފާއާއި ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކުން ދުރުވެ ފުރިހަމަ އެއް އަހަރު އަހަރެން ހުންނަންޖެހުނެވެ. ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން ޖެހުނެވެ. އަހަރެންގެ އަމިއްލަ ފަސްގަނޑު ދޫކޮށް މެލޭޝިއާއަށް ބަދަލުވީމެވެ.

އަނބުރާ ރާއްޖެ އަންނަން މަޖުބޫރުވީ އަހަރެންގެ ސަބަބުން މަންމަ ބަލިވާންފެށުމުންނެވެ. ރާއްޖެ ބަދަލުވުމާ އެކު ކުރިން މަސައްކަތްކުރި އޮފީހުން ވަޒީފާ ހަމަޖެހުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. ވަޒީފާއަށް ދާން ފެށުމުން ބޭކާރު ޚިޔާލުތަކާ ދުރުވާން ފަސޭހަވާނެތީއެވެ.

އޮފީހަށް ދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީގައި ހުރިއިރު ފަރުވަތެރިކަމާއެކު އަމިއްލަ ސޫރައަށް ބަލައިލީމެވެ. އެހިތާމަވެރި ހާދިސާއަށް ތިން އަހަރު ވެފައިވީނަމަވެސް ފަރުވާވެ ބަލާލުމުން އަހަރެންގެ މޫނުމަތިން އަދިވެސް އަހަރެންނަކީ ބޮޑު ހިތާމައެއް ކުރާ މީހެއްކަން އެނގޭނެ ކިތަންމެ ނިޝާނެއް ފެންނަން ހުއްޓެވެ. ލޯ ކައިރި ކަޅުވެފައި ހުރިއިރު، ލޯ ހުރީ ވަޅުވަދެފައެވެ. މޫނުވަނީ މިލާފައެވެ. އަހަރެންގެ ހާލު މާ ގޯސްވި ރެއެއްގައި އިސްތަށިގަނޑުގެ އެކި ތަންތަނުން ކޮށާލުމުން، އެއްވަރު ކުރަން ކުރުކޮށް ކޮށާލި ގޮތަށް މިހާރު އަބަދުވެސް އޮންނަނީ ކުރުކޮށް ކޮށާފައެވެ. ރީތިވެލައިގެން ކޮޓަރިން ނުކުތްއިރު މަންމަ ސައި ތައްޔާރުކޮށްގެން އިންތިޒާރުގައި އިނެވެ. ސައި ބޮއިގެން އޮފީހަށް ދިޔައީ ކުރަންހުރި މަސައްކަތްތަކާމެދު ވިސްނަމުންނެވެ.

އޮފީހަށް ވަދެ ހަމަޖެހިލިއިރަށް ސައީދު ބުނެގެން އަހަރެން ބަލައި މީހާކު އައެވެ. ސައީދުއަކީ އޮފީހުގެ ވެރިމީހާއެވެ. އަހަރެން ފެނުމާއެކު ސައީދު ގޮވައިލީ އަތުގެ އިޝާރާތުން އިށީންނާށޭ ބުނަމުންނެވެ.

"މިއަދު އާކުއްޖަކު އަންނާނެ. ކުރިންވެސް އާކުދިން ތަމްރީނު ކުރުމާ ހަވާލުވަނީ ނައީ. މިދިޔަ ދުވަސްތަކުގައި ނައީ ބްރޭކެއް ބޭނުންވެފަ ހުރީމަ އެހެން ކުއްޖަކާ ހަވާލުކުރަނީ. އެކަމަކު މިހާރު އަހަރެންނަށް ހީވަނީ ނައީ ރެޑީހެން." ސައީދުގެ ވާހަކަ ނިންމާލާފައި އަހަރެންނަށް ބަލަން އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. ސައީދު ދެއްކީ ރަނގަޅު ވާހަކައެއްކަމަށް އަހަރެންނަށް ގަބޫލު ކުރެވުނެވެ.

"އޯކޭ ސަރ. އަޅުގަނޑު ރެޑީ." ފުން ނޭވާއެއް ލަމުން އަހަރެން ބުނީމެވެ.
ކުޑައިރުކޮޅެއް ފަހުން ކެބިންގެ ދޮރުގައި ޓަކިޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައީ އަހަރެން ދުވަހަކުވެސް ނުދެކޭ މީހެކެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ހުރިއިރު ތުނބުޅިވެސް ހުރީ ތުނިކޮށް ކޮށާފައެވެ. މަޑުނޫކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ފަޓުލޫނެއްގައި ހުރިއިރު އަޅާފައިހުރީ ކަޅުކުލައިގެ ޓައީއެކެވެ. އެތެރެއަށް ވަނުމަށްފަހު މޫނުމައްޗަށް ވެރިކޮށްލި ހިނިތުންވުން އަހަރެންނަށް ވަރަށް ފާހަގަ ކުރެވުނެވެ. ދެން އަހަރެންނަށް އެންމެ ފާހަގަ ކުރެވުނީ ނިތްކުރީގައި ހުރި ބޮޑު ލަކުނެކެވެ.

"އަޒާން. ވެލްކަމް. މިއިންނެވީ ނައިރާ. ނައިރާ މިއީ އަޒާން." ސައީދު ކުރު ތައާރަފެއް ދިނުމުން އަހަރެން ތެދުވެ އަޒާން އާއި ސަލާމް ކޮށްލުމަށްފަހު ސައީދުގެ ހުއްދައާއި އެކު އަޒާން ގޮވައިގެން ބޭރަށް ނުކުމެ އޮފީހުގެ ކަންކަން ކުޑަކޮށް އޭނާއަށް ކިޔައިދީ އޮފީހުގެ އެހެން މީހުންނަށް އޭނާ ތައާރަފްކޮށްދިނީމެވެ.

އަޒާންގެ ވޯކްސްޓޭޝަން ހުރީ އަހަރެންގެ ވޯކްސްޓޭޝަންއާ ޖެހިގެންނެވެ. އޭނާއަށް ފުރަތަމަ ކުޑަ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން އަހަރެން ހަވާލުކުރީ އޮފީހަށް ލިބިފައިއޮތް ސިޓީއެއްގެ ޖަވާބު ލިޔާށެވެ. ކުޑަކޮށް މަސައްކަތް ކިޔައިދިނުމަށްފަހު އަހަރެންގެ އަމިއްލަ މަސައްކަތްތައް ކުރަން ފެށީމެވެ. ކުޑައިރުކޮޅަކުން އަހަރެން ބަލައިލިއިރުވެސް އަޒާން މަސައްކަތެއް ނުފަށައެވެ. ކިހިނެއްތޯ ވީ އަހާލުމުން ކުޑަކޮށް މޫނަށް ވައްތަރެއް ޖައްސާލަމުން ދިވެހި ޓައިޕް ކުރަން ނޭނގޭ ވާހަކަ ބުންޏެވެ. އަހަރެން ލޯބޮޑުކޮށްލުމުން އޭނާ ހާސްވިތަން ފެނުނެވެ.

"މިބުނީ ވަރަށް ނުފަރިތަވާނެ. އެހެންވެ ފުރަތަމަ ހުރިހާ އަކުރުތައް ލިޔެވޭ ގޮތްގޮތް މިބަލަނީ." ވަރަށް ހާސްވެފައި އިނދެ އޭނާ ބުންޏެވެ.

"ސޮރީ. އަހަރެން މަސައްކަތައް ވަރަށް އާވާނެ. ބޭރުން ކިޔެވީމަ ދިވެހި ޓައިޕް ކުރަން އުނދަގޫވަނީ. އެކަމަކު އަހަރެންނަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ މީހެއް." އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އޭނާ ބުންޏެވެ.

އަޒާން ބުނީ ތެދެކެވެ. އޭނާ މަސައްކަތްތަކަށް ވަރަށް އަލެވެ. ގިނަ ކަންކަން ނޭނގެއެވެ. އެކަމަކު ކިޔައިދިނުމުން ވަރަށް އަވަހަށް ކަންކަން ދަސްކުރެއެވެ. ފުރަތަމަ ދުވަހު މަޑުމަޑުން އިނަސް ގިނަ ދުވަސްވީ ވަރަކަށް އަޒާންއަކީ މަޖާ މިޒާޖެއްގެ މީހެއްކަން އަހަރެންނަށް އެނގުނެވެ. މީހުން ހެއްވުމަކީ އޭނާއަށް އުނދަގޫ ކަމެއްނޫނެވެ. އޭނާއާއި އެކު ގިނަ ކަންތައްތަކެއްގައި އުޅުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަން ބަދަހިވެ ރައްޓެހިންނަށް ވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.

އޮފީހުގެ އަހަރީ ދުވަހަށް ތައްޔާރުވުމަށްޓަކައި އެކި މަސައްކަތްތައް ހަވާލުކުރިއިރު އަހަރެންނާއި އަޒާންއަށް ލިބުނީ އޮފީހުގެ ތައާރަފެއް ދައްކުވައިދޭ ޕްރެސެންޓޭޝަން އެއް ތައްޔާރުކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގައި ވަރަށް އަވަދިނެތި އުޅުމަށްފަހު އަޒާންގެ އެދުމުގެ މަތިން މެންދުރުގެ ކެއުމަށް ރެސްޓޯރަންޓަކަށް ދިޔައީމެވެ. އެތަނަށް ވަދެ މޭޒެއްގެ ކައިރީގައި އިށީނދެ އޯޑަރު ދިނުމަށްފަހު އަޒާން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަ ދައްކަން ފެށުމުން އަހަރެން ވަށައިގެން ބަލައިލީމެވެ. އަހަރެންގެ ސަމާލުކަން އަތުލީ ކަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ކުޑަކުއްޖަކު އުނގަށްލައިގެން އިން އަންހެނެކެވެ. ކުއްޖާ ރޯތީ އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރަމުން އަތުގައި އޮތް ބުއްފުޅިން އޭނާއަށް ދެވޭތޯ ބަލަމުން އިރުއިރުކޮޅުން ރެސްޓޯރެންޓަށް ވަންނަ ދޮރާއި ދިމާލަށް ބަލާގޮތުން އެއިނީ މީހެއްގެ އިންތިޒާރުގައިކަން އެނގެއެވެ.

 )ނުނިމޭ)


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok