ވޯޓު ވިއްކުމަކީ އަމާނާތާ ހިލާފުވުން، އެކަމާ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ: ޝައިހް ޤާލިބް

Follow @loamaaOnline
vote

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް --- ފޮޓޯ: އަވަސް


ވޯޓަކީ އަމާނާތެއް ކަމަށާއި އެ ވިއްކުމަކީ އަމާނާތާ ހިލާފުވުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމެއް ކަމަށް އައްޝައިހް މުހައްމަދު ޤާލިބް ޝާހިދު ވިދާޅުވިއެވެ.

ޝައިހް ޤާލިބް އޭނާގެ ފޭސްބުކް ޕޭޖަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ފައިސާއަށް ވޯޓު ވިއްކުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. ހާއްސަކޮށް ގައުމެއްގެ ރައީސަކު އިންތިހާބުކުރާއިރު ވޯޓަށް އަމާނާތްތެރިވާން ޖެހޭނެ ކަމަށާއި ވެރިކަން ދޭން ޖެހޭނީ އެކަމުގެ ހައްގުވެރި ފަރާތަކަށް ކަމަށެވެ.

"އާދެ އެހެންކަމުން މަސްއޫލިއްޔަތާއި މަގާމުތަކުގެ ތެރެއިން އެންމެ މުހިންމު މަގާމަކަށްވެގެންދާނެ ގައުމެއްގެ ވެރިކަން ކުރާ މަގާމު، ގައުމެއްގެ ރައީސަކަށް އަންނަ  މަގާމު. އެ މަގާމު އޭގެ ހައްގުވެރި ފަރާތަކަށް ދޭން ޖެހޭކަން އަޅުގަނޑުމެން ދަންނަން ޖެހޭ. ހައްގުވެރިނޫން ފަރާތަކަށް އަޅުގަނޑުމެންނަށް ލިބޭ ދުނިޔަވީ މުދާ ކޮޅަކަށްޓަކައި އެ މަގާމު ހައްގު ނޫން ފަރާތަކަށް ދޭން މަސައްކަތްކޮށްފިނަމަ އެއީ އެ އަމާނާތަށް ވެވޭ ހިޔާނާތެއް ކަން ދަންނަން ޖެހޭ" ޝައިހް ޤާލިބް ވިދާޅުވިއެވެ.

ޝައިހް ވިދާޅުވީ، ވޯޓު ވިއްކުމަކީ ރިޝްވަތުގައި ހިފުން ކަމަށާއި ވޯޓު ވިއްކަން އެދުމަކީ ރިޝްވަތު ދޭން އެދުން ކަމަށެވެ. އެހެންކަމުން އެ ދެ މީހުންނަށްވެސް ލައުނަތް ލެއްވިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިހް އިތުރަށް ވިދާޅުވީ، ގައުމު ހިންގާނެ ގޮތުގެ ވާހަކައާއި ވެރިކަން ކުރާނެ ގޮތާއި ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތައް ޤުރުއާނުގައި ބަޔާންވެގެންވާ ކަމަށެވެ. އަދި އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދީނީ އިލްމުވެރީންގެ ވާޖިބެއް ކަމަށާއި އެއީ ސިޔާސީ ވުމެއް ނޫން ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok