ޝަހީމްއާއި އަނާރާގެ ތާއީދު މުއިއްޒުއަށް

Follow @loamaaOnline
--

---



އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބޔގައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ނިންމަވައިފި އެވެ.

ދީނީ ދެ އިލްމުވެރިން މުއިއްޒުއަށް ތާއީދުކުރައްވާކަން މިއަދު ވަނީ ޓުވިޓާގައި ހާމަކުރައްވައިފައެވެ. 

އެގޮތުން ޑރ. ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި އަހަރުގެ އިންތިހާބުގައި އެކުވެރި މުއިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނީ ފަހުން ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެވެ. އެކަމަކު، އެ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ސިޔާސީ ދާއިރާގައި އޭނާ މާ ހަރަކާތްތެރިވެ އުޅޭ މަންޒަރެއް ނުފެނެއެވެ. 

ރައީސް ޔާމީން މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރެއްވިއިރު، އަޑުފެތުރިފައިވާ ގޮތުގައި ޑރ. ޝަހީމް މިފަހަރުވެސް އުންމީދުކުރައްވައިގެން ހުންނެވީ ރަނިންމޭޓަކަށް ވެވަޑައިގަތުމަށެވެ. ނަމަވެސް ޔާމީން ރަނިން މޭޓަކަށް ނެންގެވީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެއާއެކު ޝަހީމް ވަނީ އޭނާގެ ސިޔާސީ މުސްތަގުބަލާ މެދު ގެންގުޅުއްވާ ވިސްނުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޝަހީމް، މުއިއްޒަަށް ތާއިދުކުރައްވަން ނިންމެވިއިރު، އޭނާ ސަރުކާރާ ގުޅިވަޑައިގަންނަވަނީ ކަމަށް ޕީޕީއެމްގެ މެންބަރުން ތުހުމަތުވެސް ކުރި އެވެ.

ސިޔާސީ ދާއިރާއިން ދުރުގައި ހުންނެވި އަނާރާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އޭނާ މުއިއްޒުއަށް ތާއީދުކުރަން ނިންމެވީ ދިވެހިންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok