ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަކީ، ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ބޭފުޅެކެވެ. ގައުމެއްގެ ވަލީއުލްއަމްރުގެ ގޮތުގައި 30 އަހަރު ހޭދަކުރެއްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް ބައެއްގެ އެއްބާރުލުމާއި ލޯތްބާއި ތާއީދު އެކަމަށް ބޭނުންވެއެވެ. ރައީސް މައުމޫނަށް، އެކަންކަން އެންމެ ފުރިހަމައަށް ލިބިވަޑައިގެންނެވީ، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފަރާތްޕުޅުންނެވެ.
މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ، 1969 ވަނަ އަހަރު، ޖުލައި 20 ވަނަ ދުވަހުއެވެ. މައުމޫންގެ ދެކަނބަލުން އެންމެ ފުރަތަމަ ބައްދަލުވެ ވަޑައިގެންނެވީ 1965 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާ އިންނެވެ. ކައިވެނި ބައްލަވައިގަތް އިރު، ނަސްރީނާގެ އުމުރުފުޅަކީ 19 އެވެ. މައުމޫންގެ އުމުރުފުޅަކީ 31 އަހަރެވެ.
ނަސްރީނާގެ އުމުރުފުޅުން އެންމެ 20 އަހަރުގައި، އެންމެ ފުރަތަމަ ލިބިވަޑައިގަތީ އެއްމާބަނޑު ދެ އަންހެން ކުދިން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނެވެ. އަދި އެއަށްފަހު، އެކަމަނާގެ އުމުރުފުޅުން 21 އަހަރުގައި ފުރަތަމަ ފިރިހެން ދަރިފުޅު ކަމަށްވާ ފާރިސް މައުމޫން ލިބިވަޑައިގެންނެވިއެވެ. ދެވަނަ ފިރިހެން ދަރިފުޅު، އަދި އެންމެ ހަގު ދަރިފުޅު ކަމަށްވާ ޣައްސާން މައުމޫން ލިބިވަޑައިގެންނެވީ ނަސްރީނާގެ އުމުރުފުޅުން 30 އަހަރުގައެވެ. އެންމެ ހަގު ދަރިފުޅު ލިބިވަޑައިގަތީ ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ފަހުންނެވެ.
ރައީސް މައުމޫނާއި ނަސްރީނާގެ ކައިވެންޏަށް އިއްޔެ މިވަނީ 55 އަހަރު ފުރިފައެވެ. އެކަން އިއްޔެ ފާހަގަވެސް ކުރިއެވެ.
ރައީސް މައުމޫންގެ އަރިހުން ނުވަތަ ނަސްރީނާގެ އަރިހުން އެންމެންވެސް ކުރަން ބޭނުންވާ ސުވާލެއް އޮވެއެވެ. އެއީ އެހާ ގިނަ ދުވަހު ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، އެހާ ގިނަ ދުވަހު ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ އެކަކު އަނެކަކަށް ލޯބިވުމާއި އިހްތިރާމުކުރުމާއި ވަފާތެރިވުން ކަމަށެވެ. އަދި އެ ދެމަފަރިން ވެސް އެގޮތުގައި އަބަދުވެސް ތިއްބަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނާއި ނަސްރީނާ އަބަދުވެސް ފެނިވަޑައިގަންނަވަނީ ވަރަށް އެކުއެކީގައެވެ. ކޮންނެ ތާކަށް ވަޑައިގަތަސް ހިޔަންޏެއް ފަދައިން ނަސްރީނާ ހުންނަވައެވެ. މުސްކުޅި އުމުރުފުޅުގައިވެސް ލޯތްބަކަށް ބަދަލެއް ނާދެއެވެ،.
އަނބިކަނބަލުން ސިފަކުރައްވަމުން މައުމޫން ވިދާޅުވެފައިވަނީ ނަސްރީނާއަކީ އަބަދުވެސް މީހުންނަށް ހިތްހެޔޮ އެހެން މީހުންނަށް އަޅާލާ މީހެއް ކަމަށެވެ. ރައީސް މައުމޫން ވަނީ ނަސްރީނާއަށް އެތައް އިހްތިފާލެއްގައި، ތައުރީފުގެ ބަސްތައް ރައްދުކުރައްވައިފައެވެ، އެގޮތުން މައުމޫން ވިދާޅުވެފައިވާ ގޮތުގައި ނަސްރީނާއަކީ އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި. އެކަމަނާ އަށް ލިބިވަޑައިގެންފައި ވަނީ ގަދަފަދަ ބާރެއް ކަމަށާއި ހިތްވަރުގަދަކަން އާދަޔާ ޚިލާފު ކަމަށެވެ. ރައީސް މައުމޫން ގަބޫލުކުރައްވާ ގޮތުގައި ނަސްރީނާ ހުންނެވީ ބަލި ނުކުރެވޭނެ ފަދަ ހިތްވަރުފުޅެއްގައެވެ. އަދި އެ ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް ކަމަށެވެ.