އިހުނަށްވުރެ އިންޑިއާއާ އޮންނަ ގުޅުން ރަނގަޅުވެގެންދާނެ: ރައީސް

Follow @loamaaOnline
None

----


އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. 

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، ދިވެހިންގެ ލާބައަށް ކަންކަން ފަހިވެގެންދާނެކަމަށެވެ. އަދި އެއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ. 

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތްތާނގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް ޔަގީންކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް ވިދާޅުވިއެވެ. 

މޯދީ ހުވާކުރެއްވުމުގެެ ރަސްމިއްޔާތަށް ރައީސް އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާއަށް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންފައިވާއިރު، އެ މަނިކުފާނު ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ މަނިކުފާނުގެ ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑު ވަޒީރަށް ކުޑައިމީސް ބަސްތަކެއް ރައްދުކުރުމުން ދެ ގައުމުގެ ގުޅުން އޮތީ އިތުރަށް ވުރެ ހީނަރުވެފައެވެ. ނަމަވެސް ރައީސްގެ އިންޑިއާ ދަތުރުފުޅަކީ އެ ގުޅުން އަލުން އިޔާދަވުމުގެ ފެހި ސިގްނަލެއް ކަމަށް ބެލެވެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok