އިޒްރޭލު މީހުންނަކީ ބާވައިލެއްވި ދީނެއްގައި ތިބި ބައެއް، އައުން މަނާކުރާއިރު ފުންކޮށް ވިސްނަން ޖެހޭ: ގާސިމް

Follow @loamaaOnline
---

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް- ފޮޓޯ: މަޖިލިސް އިދާރާ


އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މާނައަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ސިފަކުރައްވައި، އެއީ "ފުންކޮށް ވިސްނައިލަން ޖެހޭ" ކަމެއް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ގާސިމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ވާނެ ކަމަށެވެ.

"އިޒްރޭލުގެ ނެޝަނަލިޓީ އޮތް މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމައިލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކަަ އެ ވިދާޅުވެވެނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ. އެހެންވީމާ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ، އެކަމާ މެދު ވަރަށް ފިކުރުވެރިކަމާ އެކު ވިސްނައިލަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީޕީން ބިލު ހުށަހެޅީ ވިސްނަން ޖެހޭ ވަރަށް ނުވިސްނަވާ އެވެ. އަދި އެ ބިލު ހުށަހެޅުއްވި މެންބަރުގެ ނިޔަތާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި [އަދި] ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކޭތީ އެ ވާހަކަ ދަންނަވާލަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، އޭނާ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަނީ އެއް ގޮތަކަށް ވެސް "ފަލަސްތީނުގެ ރައްޔިތުންނަަށް އެ ލިބެމުންދާ އަނިޔާވެރިކަމާއި ނިކަމެތިކަން އަޅުގަނޑުމެންގެ ހިތަށް ނުގެންނާތީއެއް ނޫން" ކަމަށެވެ. 

"ދިވެހިރާއްޖެ ނޫނަސް އިސްލާމީ ގައުމުތައް ދުނިޔޭގައި ވަރަށް ބައިވަރު ގިނަ ގައުމުތައް އެބަވޭ، އެހެން ނަމަވެސް މިފަދަ ފިޔަވަޅެއް އަޅަން ރައްޔިތުންގެ މަޖިލީހަށް، އެތަނެއްގެ ޕާލަމެންޓަށް ހުށަހެޅިގެން ވާހަކަ ދެކެވޭ ފުރަތަމަ މަޖިލީހަކީ ވެސް މީ ކަން ނޭނގެ،" ގާސިމް ވިދާޅުވި އެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok