އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ޕީއެންސީގެ ތާއީދު

Follow @loamaaOnline
---

ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން--- ފޮޓޯ: މަޖިލިސް އިދާރާ


އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

މިއަދު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.

އެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

އެ ބިލް މީކާއިލް މަޖިލީހަށް ހުށަހެޅި ފަހުން، ސަރުކާރުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި، އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ އާ ބިލެއް ހުށަހަޅައިގެން ކަމެއް ނުވަތަ މިހާރު އޮތް ބިލަށް ތާއީދުކޮށްގެންކަމެއް ނުބުނެއެވެ. 

މީކާއިލްގެ ބިލަށް ބަހުސްކުރުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު،މ ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ބިލުގެ މަސައްކަތް އަވަސްކުރަން ގޮވާލައިފައެވެ.

އެގޮތުން، ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.

"ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ބިލެއް، މި ބިލަށް އަޅުގަނޑު ތާއީދުކުރަން،" ފަލާހު ވިދާޅުވިއެވެ. 

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 36,800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok