ހުއްދަ ނުނަގައި މަސައްކަތް ކުރާތީ "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރު ޖޫރިމަނާކޮށް، އެ ތަން ބަންދުކުރަން ހެލްތު މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް އަންގައިފިއެވެ.
ސިއްހީ ބޮޑެތި މައްސަލަތަކަށް ހިޖާމާއިން ފަރުވާ ލިބޭކަމަށް ބުނެ، އާއްމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފެތުރުމުން އެ ސެންޓަރުގެ ވެރިޔާ ފަޒީލާ އުސްމާނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އޭނާގެ ސެންޓަރު، ހުއްދަ ނުނަގާ ހިންގާތީ 2022 ވަނަ އަހަރު އެތަން ބަންދުވެސް ކުރިއެވެ. އެއިރު ފަޒީލާ ބުނެފައި ވަނީ ދެން އެ މަސައްކަތް ކުރާނީ ހުއްދަ ނަގައިގެން ކަމަށެވެ.
ނަމަވެސް، ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފަޒީލާ މިއަދާ ހަމައަށްވެސް އެއްވެސް ހުއްދައެއް ނަގާފައިނުވާ ކަމަށާއި ގަވާއިދާ ހިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މި ހަފުތާގައި އަންގާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ފަޒީނާއާ ބައްދަލުކޮށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
ހެލްތު ޕްރޮފެޝަނަލްސްގެ ގާނޫނުގެ ދަށުން ލައިސެންސް ނެތި ހިދުމަތް ދޭ ނަމަ 75،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ހެލްތު ސާވިސް ގާނޫނުގެ ދަށުން ތަން ބަންދުކުރެވިދާނެއެވެ.
ފަޒީލާ ވަނީ ހިޖާމާ ޖެހުމަށް އިނގިރޭސި ވިލާތުގެ ޔޫކޭގެ ހިޖާމާ ނޭޝަންސް އިން އޮންލައިންކޮށް ޑިޕްލޮމާ ސެޓްފިކެޓެއް ހޯދައިފަ އެވެ.
ފަޒީލާ ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އެ ކޮންމެ ސެޝަނަކަށް 1000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.