ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅުއްވައި އިއުލާނު ކުރައްވައިފި އެވެ.
ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް ކަމަށާއި، ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމަށެެވެ. އަދި ރައީސާއި ނައިބު ރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން ކަނޑައަޅާ ފަސް މެންބަރުންނަކީ މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންގެ ތެރެއިން ހޮވައިލެވޭ ފަސް މެންބަރުންނަށް ވާންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ދެ މެންބަރަކު ހިދުމަތް ކުރެއްވި މުއްދަތު އެއްވަރުވެއްޖެނަމަ އިސްކަން ދޭނީ އެ މެންބަރުންގެ ތެރެއިން އުމުރުން ދޮށީ މެންބަރަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅުއްވި ފަސް މެންބަރުން އިއުލާނު ކުރައްވާފަ އެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން:
- މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، 19 އަހަރު ހިދުމަތް ކުރައްވާފައިވޭ
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، 15 އަހަރު ހިދުމަތް ކުރައްވާފައިވޭ
- އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، 15 އަހަރު ހިދުމަތް ކުރައްވާފައިވޭ
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، 15 އަހަރު ހިދުމަތް ކުރައްވާފައިވޭ
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު، 10 އަހަރު ހިދުމަތް ކުރައްވާފައިވޭ