އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ބިލް މާދަމާއަށް އެޖެންޑާ ކޮށްފި

Follow @loamaaOnline
None

--


ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ފަހު އަނެއް ދުވަހު ބަހުސް ފަށަން ވަނީ ނިންމައިފައެވެ.

މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރު ކުރުމަށެވެ.

އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި މީކާއީލް ބަޔާންކޮށްފައިވަނީ "އިޒެރޭލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިޒްރޭލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭނެއެވެ،" ކަމަށެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

މީކާއިލްގެ އިސްލާހު މަޖިލިހަށް ވައްދާފައި ވަނިކޮށް، ސަރުކާރުން އާ އިސްލާހެއް ހުށަހަޅަން ނިންމުމުން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނާށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok