ކަނޑޫދޫ - އަތޮޅުގެ އެންމެ ބިން ބޮޑު އެންމެ ދަނޑުވެރި ރަށް

Follow @loamaaOnline
kandoodhoo

ކަނޑޫދޫގެ މަގެއްގެ މަތި-- ފޮޓޯ: ކަނޑޫދޫ/ފޭސްބުކް


ކޮޅުމަޑުލު ކަނޑޫދޫ (ތ. ކަނޑޫދޫ)   

މި ރަށަކީ އަތޮޅުގައި އޮންނަ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށެވެ. މި ރަށުގެ ރަޖިސްޓަރީގައި 648 މީހުން ތިބިއިރު، ރަށުގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ރަށުގައި 70 އެއްހާ ބިދޭސީންވެސް އުޅެއެވެ. 

މި ރަށާ ގުޅިފައި ބޮޑު ފަޅެއް އޮންނައިރު، އެ ފަޅުގައި، "އޮޅުފުށި-ފިނޮޅު" ކިޔާ ފަޅު ރަށެއް އޮވެއެވެ. އެ ރަށް މިހާރު ވަނީ ޓޫރިޒަމަށް ނަގާފައެވެ.

މި ރަށަކީ އިހު ޒަމާނުގައި ތެދުއި ވަޑާމަށް ރާއްޖޭގެ އެންމެ ކުޅަދާނަ ވަޑިން އުޅުނު އެއް ރަށް ކަމަށް ގަދީމީ ފަތްފުއްތަކުންނާއި ރަސްކަމުގެ ކޮއިލުގެތެރެއިން އެކަކު އަތުން އަނެކަކު އަތުން އައިސްފައި ހުރި ލިޔުންތަކުން ފެންނާން އެބައޮތެވެ. އެކަން މި ރަށުން މިއަދު ފެންނާން ހުރި ބައެއް އާސާރުތަކަށް ބެލިޔަސް ސާފުވެއެވެ.

ޒަމާން ބަދަލުވެ، މި ރަށް މިއަދު ރާއްޖެއަށް މަޝްހޫރުވެފައިވަނީ ދަނޑުވެރި ރަށެއްގެ ގޮތުގައެވެ. ހާއްސަކޮށް މި ރަށުގެ މުޑުވަކެއް ކަމުގައިވާ "ކަނޑޫދޫ މިރުހަކީ" އާދަޔާ ހިލާފު ކުޅިކަމެއް އޭގައި އެކުލެވިގެންވާ ރާއްޖެއަށް މަޝްހޫރު އަދި ޑިމާންޑް ބޮޑު މިރުހެކެވެ. މި ރަށުގެ 80 ޕަސަންޓް މީހުންނަކީ، ދަނޑުވެރިކަމުގައި އުޅޭ މީހުންނެވެ. ދަނޑުވެރިކަމުގައި ކޮންމެވެސް ވަރަކަށް ބައިވެރިނުވާ އާއިލާއެއް މި ރަށުގައި މަދުވާނެއެވެ. މަދުން ނަމަވެސް މަސްވެރިކަން ކުރާ މީހުން މި ރަށުގައި އުޅޭއިރު، ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގައި ވަޒީފާގައިވެސް ގިނަ ބަޔަކު އުޅެއެވެ.

މި ރަށުގައި، މިހާރު ތިން ފިހާރަ ހުންނައިރު، ދެ ކެފޭ ހުރެއެވެ. 

މި ރަށުގެ އިރު ދެކުނު ފަރާތުގައި އޮންނަ މިސްކިތް މަގުގައި 200 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއް ހުރެއެވެ. އެއީ މި ރަށުގެ މީހުން ކުރިން ހުކުރު ކުރި "ހުކުރު މިސްކިތެވެ." އެ މިސްކިތުގެ ގަބުރުސްތާނުގައި "ސޯލިހުގެފާނު" ނަމަކަށް ކިޔާ މީހެއްގެ ޒިޔާރަތް ހުރެއެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކާކު ކަމެއް ސާފެއް ނޫނެވެ. 

މީގެ އިތުރުން މި ރަށުގައި ގަދީމީ އެހެން މިސްކިތެއްވެސް ހުރެއެވެ. އެއީ ނަރުވައި މަގާއި އަސަރީގޯޅިއާ ގުޅޭ ސަރަހައްދުގައި ހުންނަ ނަރުވައި މިސްކިތެވެ. މި ރަށުގެ މީހުން އެ މިސްކިތައް "ކުޑަ މިސްކިތޭ"ވެސް ކިޔައި އުޅެއެވެ. އެ މިސްކިތް ނިތްބަތްވަނީ ކުރިން މި ރަށުގައި އުޅުނު ކަމަށް ބުނާ ކާންނައި "ނަރުވައި ކަލޭނގެފާނު" ކިޔާ މީހަކަށް ކަމަށް ބުނެއުޅެއެވެ. އެ މީހާއާއި އޭނާގެ އާއިލާގެ މަހާނަ ގާތައް ކަމަށް ބުނާ ގާތަނެއް އެ މިސްކިތުގެ ގަބުރުސްތާނުގައި މިހާރުވެސް ފެންނާން އެބަހުއްޓެވެ.

މި ރަށުގެ ހުޅަނގު އުތުރު ފަރާތުގައި ވަރަށް ބޮޑު ކަނޑޫފަލެއް އޮވެއެވެ. އެއީ މުޅި މި އަތޮޅުގައިވެސް އޮންނަ އެންމެ ބޮޑު އެއް ކަނޑޫފަލެވެ. ނަމަވެސް އެ  ކަނޑޫފާ މިހާރު ވަނީ ވަރަށް ބޮޑަށް ނެތި ގޮސްފައެވެ. މި ރަށުގައި ކަނޑޫފަލެއްގެ އިތުރުން ކުއްޅަވަށް ފަލެއްވެސް އޮވެއެވެ. 

މި ރަށުގެ ދެކުނު ފަރާތުގައި ބައްތި (ލައިޓް ހައުސް) އެއްވެސް ހުރެއެވެ. އެއީ މި ރަށުގެ ބޭރުން ރާއްޖޭގެ އިތުރު ރަށެއް ނެތުމާއި މި ރަށުގެ ބޭރުން ދަތުރުކުރާ މީހުންނަށް މި ރަށް ދެއްކުމުގެ ގޮތުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok