އެމްޓީސީސީގެ އިހުމާލުން ފައިބަރު އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތް ހުއްޓުމަކަށް!

Follow @loamaaOnline
None

--


އޮޑިދޯނި ފަހަރު ބަނުމަށް ބޭނުންވާ ސްކޮޓްބާޑާ މަރުކާގެ ޖެލްކޯޓު ރާއްޖެއިން އެއްކޮށް ހުސްވެ އޮޑިދޯނިފަހަރު ބަނުމުގެ މުޅި ސިނާއަތު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ސްކޮޓްބާޑާ މަރުކާގެ ޖެލްކޯޓަކީ އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ގިނަ ބިލްޑަރުން، އަދި އޮޑިދޯނި ފަހަރު ބަންނަ ގިނަ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ގިނަ ބަޔަކު ބޭނުންކުރާ ޖެލްކޯޓްއެކެވެ. ގިނަ ކަސްޓަމަރުން މި ޖެލްކޯޓު ނޫން އެހެން ޖެލްކޯޓެއް ބޭނުންކޮށްގެން މަސައްކަތް ކުރަން ހިއްހަމައެއް ނުޖެހެއެވެ. ލޯމާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖެލްކޯޓު ރާއްޖެއިން އެއްކޮށް ހުސްވެފައި ވާތަން މިހާރު ދެ މަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ގިނަ ބިލްޑަރުގެން މަސައްކަތް ޖެލްއަށް ބަރޯސާބެވެފައި އޮންނައިރު މިކަމާ ގުޅިގެން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް އެއްކޮށް ހުއްޓިފައެވެ.

މި ޖެލްކޯޓުގެ ދިވެހިރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ އެވެ. "ލޯމާ" އަށް މައުލޫމާތު ދިން ބިލްޑަރަކު ބުނި ގޮތުގައި، ފާއިތުވީ ދެއަހަރު ދުވަހު ތެރޭގައި މިއީ މިހެން ދިމާވި ދެވަނަ ފަހަރެވެ. "އަޅުގަނޑުމެން ތަކުރާރުކޮށް އެމްޓީސީސީ އާ ވާހަކަދެއްކިން މިއީ މަސައްކަތަށް ކޮންމެހެން ބޭނުންވާ އެއްޗަކަށް ވުމުން މި ހުސްނުވާނެ ގޮތަކަށް ޕްލޭން ކޮށްގެން މި އައިޓަމް ގެނައުމަށް. ނަމަވެސް އެމްޓީސީސީ އިން މިކަމަށް ސަމާލުކަމެއް ނުދިން. މިއީ އަބަދުވެސް ހައި ޑިމާންޑު އޮންނަ އައިޓަމެއް. ހުސްވެގެން މަސް ދެމަސް ވާއިރު ނުގެނެވުމަކީ އެއީ ވަރަށް ދެރަ ކަމެއް." "ލޯމާ"އަށް މައުލޫމާތު ދިން ބިލްޑަރު ބުންޏެވެ.

"މިކަމާހެދި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވި އެއްކޮށް ހުއްޓިއްޖެ. އެކަމަކު މުސާރައާ ހަރަދުތައް އަޅުގަނޑުމެން ކުރަން ޖެހޭނެތާ. މިކަމުން އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ލިބެނީ ވަރަށް ބޮޑު ގެއްލުމެއް." "ލޯމާ"އާ ވާހަކަ ދެއްކި އެހެން ބިލްޑަރަކު ބުންޏެވެ.

ހައްލަކީ ކޮބާ؟

"ލޯމާ" އަށް މައުލޫމާތު ދިން ބޯޓް ބިލްޑަރުން ބުނި ގޮތުގައި މި މައްސަލަ ހައްލު ކުރެވޭނީ އެމްޓީސީސީ އިން މި ކަމަށް މިހާރު ދޭ ވަރަށް ވުރެ މުހިންމު ސަމާލުމެއް ދެވިގެން، އެއާ އެއްގޮތަށް މެޓީރިއަލް ގެނައުމާއި ވިއްކުން ތަރުތީބު ކުރެވިގެންނެވެ. 

"މިއަށްވުރެއް ރަނގަޅަށް އެބޭފުޅުންނަށް މިކަން ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެން. މިހާރު އަޅުގަނޑުމެންނަށް ނުފެނޭ އެމްޓީސީސީ އިން މިކަމަށް މުހިއްމު ސަމާލުކަމެއްދޭތަން. އަޅުގަނޑުމެން ތަކުރާރުކޮށް މި މައްސަލަ އެބޭފުޅުންނަށް ހުށައެޅުމުންވެސް މިކަމަށް ހައްލެއް ނުލިބުނު. މިހާރުވެސް ޖެލް ހުސްވެފައި ހުރިތަން 2 މަސް ވެއްޖެ. ޖެލް ލިބެން އަދި އިތުރު 1 މަސް ނަގާނެ ކަމަށް އެކޮޅުން ބުނަނީ. ދެން އަޅުގަނޑުމެން ވީ މަސައްކަތް ހުއްޓާލައިގެން ތިބެން." "ލޯމާ" އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok