ޔޫއޭވީގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު، ގެއްލުނު ދޯނި ހޯދައިފި

Follow @loamaaOnline
--

ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ޔޫއޭވީ ހަރަކާތްތެރިވަނީ


މ. ރަތްމަންދޫ ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މާފުށީ ޑައިވްގެ "ފަރިހި 2" ދޯނި އިންޖީނު ހުއްޓިގެން ބޭރަށް އޮޔާ ދަމަނިކޮށް ދިވެހި ސިފައިންގެ ޔޫއޭވީ އިން ހޯދައިފި އެވެ. 

އިއްޔެ ހަވީރު 4:00 އިން ފެށިގެން ގުޅުން ކެނޑިފައިވާ "ފަރިހި 2" ދޯނި ހޯދާފައިވަނީ މ. އަތޮޅު ބޭރުން 23 މޭލު ދުރުންނެވެ.  

މި ދޯނި ގެއްލުމާއެކު ސިފައިން ވަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ދޯނި ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މި ދޯނި ހޯދުމަށް ދިވެހި ސިފައިންގެ އެއާކޯގެ ޑްރޯން ރޭގެ ވަގުތެއްގައި ވަނީ ހަރަކާތްތެރިވެފައެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި ޑްރޯން ބޭނުންކުރި ފުރަތަމަ ފަހަރެވެ. 

އެނގިފައިވާ ގޮތުގައި އެއާކޯގެ ޑްރޯން އަށް ފާހަގަ ކުރެވުނު އުޅަނދުގެ ކައިރިއަށް ދިއުމަށްޓަކައި ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީ ދަނީ ދަތުރު ކުރަމުންނެވެ.  

އެމްއެންޑީއެފުންވެސް ވަނީ އެ ދޯނި ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ފެނިފައިވާ ކަމަށާއި ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައެވެ. 

ސިފައިން ބޭނުންކުރާ ތުރުކީގެ ބައިކާރުގެ ޓީބީ-2 އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ނުވަތަ އާއްމުންގެ ނަމުންނަމަ ޑްރޯންއަކީ ދުނިޔޭގެ ވާދަވެރި ޑްރޯން ވިޔަފާރި އަށް ބަދަލު ގެނައި އުޅަނދެކެވެ. ތުރުކީގެ ބައިކާރު ޑިފެންސް ކުންފުނި 2009 ވަނަ އަހަރު އީޖާދުކުރި މި ޑްރޯން ދުނިޔޭގައި މަޝްހޫރުވެފައިވަނީ "ވަރުބަލިކަމެއް ނެތި" ގިނައިރު އުދުހުމުގެ ބުންވަރު ހުރި އުޅަނދެއްގެ ގޮތުގަ އެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok