ދަރަނީގެ މައްސަލާގައި ވީބީ ހަސަން ސިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

Follow @loamaaOnline
None

--


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އެ އިންތިހާބުގައި އޭނާއަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަސަންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ކަމުގައި ބުނެ، އޭނާގެ ކެންޑިޑެސީ ބަލައިގަތުން ބާތިލުކުރުމަށް އެދި ހަސަން އާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހ. ކްއީނ،ް އިލްޔާސް އަހުމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އިލްޔާސް ބުނެފައި ވަނ،ީ ހަސަންގެ މައްޗަށް ސިވިލް ކޯޓުގައި ސާބިތުވެފައިވާ ދަރަންޏެއް އެބަ އޮތް ކަމަށާއި އޭނާއަކީ އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންގެންދާ މީހަކަށް ނުވާތީ އޭނާއަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށެވެ.

ހަސަންގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި ދޫކުރި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ދެއްކުމުގެ ޔަގީންކަން އޭނާ ހިމެނޭހެން 11 މީހަކު ބޭންކަށް ދީފައިވުމުންނެވެ. 

އެ ދަރަނި ދެއްކުމަށް ކުރި ހުކުމަށް ފަހުވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައި އިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ހަސަންގެ ފަރާތުން ރަހުނު ވިއްކާލުމަށްފަހު، ކޯޓުން ގެރެންޓަރުން ދައްކަންޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒު ކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން އެގޮތަށް އަމުރެއް ނެރެނުދިނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައިފައެވެ.

މިކަމާ ގުޅިގެން އިލްޔާސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ހަސަންއަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބުނާ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަވާ މީހެއް ނޫންކަމުގައި ކަނޑައަޅައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok