އަންގާރަ ދުވަހު މަސްވެރިންނަށް 50 މިލިއަން ދޫކުރި، ރޯދައިގެ ކުރިން ބެކްލޮގް ކްލިއާވާނެ: މިނިސްޓަރު

Follow @loamaaOnline
None

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް


މިދިޔަ އަންގާރަ ދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަ މަސް ފެށުމުގެ ކުރިން ދައްކައި ހަލާސްކުރައްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު މަސްވެރިން ކޫއްޑޫގައި ކުރި މުޒާހަރާއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެއިރު ނުދައްކައިހުރި 280 މިލިއަން މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ. 

ތިން ދުވަސްވަންދެން ކޫއްޑޫގައި މުޒާހަރާ ކުރުމަށްފަހު މަސްވެރިން މުޒާހަރާ ހުއްޓާލީ މި މަހުގެ ފަސް ވަނަ ދުވަހުގެ ކުރީންވެސް މަސްވެރިންނަށް 100 މިލިއަން ދޫކުރަން މިފްކޯއިން އެއްބަސްވުމުންނެވެ. އެއާ އެއްގޮތަށް މިފްކޯއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައި މަސްވެރިންނަށް 105 މިލިއަން ދޫކޮށްފައެވެ. 

ހަފުތާ-14 މަގު ޗާޓުގައި ފިޝަރީޒް މިނިސްޓްރީން މަތިކޮށްފައިވާ ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގް ރޯދައިގެ ކުރިން ކްލިއާ ކުރައްވާނެ ކަމަށެވެ. 

"ފަސް ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ، އެ ދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާވަނީ ދޫކޮށްފައި، އުއްމީދަކީ ރަމަޟާން މަސް އައުމުގެކުރިން ބެކްލޮގް ކްލިއާ ކުރުން،" މިނިސްޓަރު ޝިޔާމު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެވި ހުރީ 147 މިލިއަން ރުފިޔާ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok