ކަނޑީގެ މިޔަމަތީގައި ހުރެ، ޝިޔާމް ދެއްކެވީ "ގަދަ" ހިތްވަރު!

Follow @loamaaOnline
--

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް


މަސްވެރިން މިއަދު އެ ތިބީ ރުޅިއައިސް ރަތްވެފައެވެ. ބޭނި މަސްކޮޅަށް ފައިސާ ލިބުން ލަސްވެ، އަނގަޔާ އަތާ ދިމާނުވާ ހިސާބަށް ދިއުމުން އެންމެ ފަހުން، ދޯނިތައް، ފަޅުގައި އަޅާފައި، އެތައް ދޯންޏެއްގެ މަސްވެރިން މިހާރު އެތިބީ ކޫއްޑޫގައި މުޒާހަރާގައެވެ. އެންމެންވެސް ގޮވަނީ އެކައްޗެކެވެ. ބޭނި މަހަށް ފައިސާ ދިނުމަށެވެ. ފައިސާ ދިނުން އަވަސްކުރުމަށެވެ. މުޒާހަރާގެ ފުރަތަމަ ދުވަހު، މަސްވެރިން ވަނީ ކުއްޑޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފައެވެ. ކޫއްޑޫ ހިންގުމާ ހަވާލުވެ ހުންނެވި، ވެރިޔާވެސް މަސްވެރިން އެ ދުވަހު ދިމާކޮށްލައި، އޭނާއަށްވެސް "ހެޓަކަށް" ދީފިއެވެ. ފައިސާ ކޮބާހޭ ކިޔައި ގަޔަށް ބޮލަށް އަރައިނުގަތީވެސް ކިރިޔާއެވެ.

އެންމެ ފަހުން، ޕްރެޝަރު ބޮޑުވެ، ށ އަތޮޅުގައި ހުންނެވުމަށް ފަހު، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ކޫއްޑޫއަށް ވަޑައިގެން، މަސްވެރިންނާ ބައްދަލުކުރެއްވިއެވެ. ޝިޔާމްގެ ވަށައިގެން އެތައް ދޯންޏެއްގެ މަސްވެރިން ތިބީ ރުޅި އައިސް ރަތްވެފައެވެ. ބަޔަކު މީހުން ޝިޔާމްގެ އިސްތިއުފާއާއި ރައީސްގެ އިސްތިއުފާއަށްވެސް ގޮވިއެވެ. 

"ތީ ހިޔަޅެއް، ތީ ވަގެއް. ޝިޔާމޫ ކޮބާތާ ވީ ވައުދުތައް. އަހަރެމެން ނުކައޭ މިތިބެނީ" އެތަނުން އެކަކު ބުނި އަޑު ދައުރުވަމުންދާ ވީޑިއޯއަކުން އެހީމެވެ.

މަސްވެރިންގެ ކުރިމަތީގައި، ޝިޔާމް ވާހަކަ ދައްކަވަން ފެއްޓެވުމުންވެސް އެތައް ފަހަރަކު އޭނާގެ ވާހަކަ ހުއްޓުވިއެވެ. އަޑުގަދަކޮށް ޝިޔާމާ ދިމާލަށް "އަވަގުރާނަ"ވެސް ގޮވިއެވެ. އެކަމަކު ހިތްތިރިކަމާ މަޑުމައިތިރިކަމާއެކު ޝިޔާމް ވަނީ، މިފްކޯގެ ހާލަތު މަސްވެރިންނަށް ސާފުކޮށްދީފައެވެ. ފައިސާ ނުދެވި ލަސްވާ ސަބަބުވެސް ސާފުކޮށްދީފައެވެ. 

"ތިބޭފުޅުންގެ ޕްރެޝަރަކުން އަޅުގަނޑު މިއަދު މިތަނުން ދާނީ އެ ފައިސާ ދައްކާފައޭ ނުބުނާނަން. އެކަމެއް ނުވާނެ. ސަރުކާރަކަށް އެކަމެއް ނުވާނެ. ސަރުކާރުގެ މާލީ ހާލަތު މިއަދު އެގޮތަކަށް ތަނެއް ނުދޭ" ޝިޔާމް ވިދާޅުވިއެވެ. 

މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއްވެފައިވާއިރު، މިވީ ތިން މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ވައުދުތައް ފުއްދައިފިއެވެ. އެންމެ މުހިންމު ވައުދަކީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި މަސްވެރިންނަކީ ސަރުކާރު ދަންނަ ބަޔަކަށް ހެދުމެވެ. އެކަމުގެ ސަބަބުން މަސްވެރިންނަށް މާލީ އަދި އިޖުތިމާއީ އެތައް ފައިދާއެއް ލިބިގެންދާނެއެވެ. 

މި ސަރުކާރު ހަވާލުވިއިރު، ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަވި 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތެވެ.. މި ސަރުކާރުން އެތައް ފަހަރެއްގެ މަތިން މަސްވެރިންނަށް ފައިސާ ދޫކުރަމުންވެސް، އަދިވެސް ބެކްލޮގްގައި، 280 މިލިއަން ރުފިޔާ އެބައޮތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ބިލެވެ.

"ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މިވީ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންގެ ހައްގުގައި މި މަސައްކަތްކުރެވެނީ. ހަމަ އެއް ވާހަކައެއް މި ދެކެވެނީ. މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް އަޅުގަނޑުމެން ހައްލުކުރަން ޖެހޭ. އަޅުގަނޑު ފިލާކަށް ނޫޅެން. ސަރުކާރެއްވެސް އިރާދަކުރެއްވިއްޔާ ނުފިލާނެ. ތިބޭފުޅުންނާ އެކީގައި މަސްވެރިންނާއެކީގައި ވަކީން ހާއްސަކޮށް މި ސިނާއަތުގައި ހުރި އުނދަގޫތައް ހައްލުކުރުމުގައި އަޅުގަނޑުމެން މިތިބީ. އެހެން ނޫންނަމަ މިއަދު ނާންނާނަން. ގުޅާފަ އަޅުގަނޑު ބުނާނީ އަޅުގަނޑެއް ނުދާނަމޭ، އަޅުގަނޑު ބޭނުމެއް ނޫނޭ މަސްވެރިންނާ ހަވާލުވެގެން މިކަންތައްތައް ކުރާކަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މަސްވެރިންނަށް ފައިސާ ދެވޭނެ ދުވަސްވެސް ވިދާޅުވެފައެވެ. ފަހެއް މާޗަކީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ހަލާސްކޮށް ނިންމާނެ އެންމެ ފަހުގެ ތާރީހުކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ކުރިން އަންނަ ހޯމަ ދުވަހު، 100 މިލިއަން ރުފިޔާ ދޫކުރާނެކަންވެސް އެވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އަދިވެސް މަސްވެރިންގެ ރުޅި "ކޮންޓްރޯލެއް" ނުވެއެވެ. އަދިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެވެރީން ތިބީ ދޫދޭގޮތަކަށް ނޫނެވެ. ނަމަވެސް ސަރުކާރަށްވެސް ވާނީ ވާރަކުންނެވެ. ފައިދާއެއް ނެތި، ހިންގަމުން އައި ތަނަކުން، ހަޑި ސާފުކުރުމުގެ މަސައްކަތް އެ ފެށީ އަދި ކިރިޔާއެވެ. އެކަމަށް ދުވަސްކޮޅެއް ނަގާނެއެވެ. ހަމަ އަގު ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. ބޭނުންވަނީ ކުޑަ ވަގުތުކޮޅެކެވެ. 

"(މަސްވެރިން )މުޒާހަރާގައި އެބަތިބި، ކޫއްޑޫގައި ވެސް އެބަ ތިބި، އައްޑޫ ސިޓީގައި ވެސް މުޒާހަރާގައި މަސްވެރިން ތިބީ. އަޅުގަނޑުމެން މި އެދެނީ އެންމެ ދުވަހެއްގެ އާމްދަނީ ވެސް މަދުނުކޮށް، މުޒާހަރާ ހުއްޓާލާފައި މަސްވެރިން ހަމަ އާމްދަނީ ހޯދުމަށް ޓަކައި މަހަށް ވަޑައިގަންނަވާށޭ،" މިއީ ހުރިހާކަމެއް ހުއްޓާލައިފައި މުޒާހަރާގައި ތިބި މަސްވެރިންނަށް ޝިޔާމް ދެއްވި އެންމެ ފަހު މެސެޖެވެ. 

ޔަގީންކުރާށެވެ. މިފްކޯ، ސަބްސިޑީއާ ނުލައި ހިންގައި އެތަން ފައިދާކުރާ ތަނަކަށް ހަދަން މި ސަރުކާރުން އެތިބީ ފޫގަޅައިގެންނެވެ. އެ ހިތްވަރާއި އެ ބުންވަރާއި ފަންވަރު މިނިސްޓަރުގެ ޝިޔާމްގެ އެބަހުއްޓެވެ. "ޕްރެޝަރުގައި، ކަނޑީގެ މިޔަމަތީގައިވެސް ހުރި ވަޒީރެއް މި ނޫނީ" މަސްވެރި ވުޒާރާއާ އަދި ހަވާލެއް ނުވެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok