ދަރިފުޅުގެ ބުއްފުޅިއާއި ތަންމަތި ގެންދިއުމުން ކޭ ޕާކް މަންޑޭގެ ޝަކުވާ!

Follow @loamaaOnline
---

----


ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލީ ކާކުގެ އެއްޗެއްތޯ ބެލުމެއް ނެތި ކަމަށާއި އަދި ދަރިފުޅުގެ ބުއްފުޅިއާއި ތަންމަތިވެސް އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އެތަނުގައި ހުރި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލަ މަންޑޭގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލް ވިދާޅުވީ، ދަރިފުޅުގެ ބުއްފުޅި އާއި ނިދާ ތަންމަތި ވެސް ފުލުހުން ގެންދިޔަ ކަމަށާއި އަދި ފުލުހުން އަމަލުކުރީ އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ ބުއްފުޅިއަށް ދާންދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ. އެ ކުއްޖާގެ ނިދާ ތަންމައްޗާއި މިހެން ގޮސް ވަރަށް ބައިވަރު އެއްޗެހި ވަރަށް އިހާނެތިކޮށް އެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަދެ ހުރިހާ އެއްޗެއް ގެންގޮސްފައިވަނީ." އޭނާގެ ވަކީލް އަލީ ޝާހު ވިދާޅުވި އެވެ.

ދެ ފަރާތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލައިފައެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok