އަހަރުގެ ފުރަތަމަ ދެ ހަފްތާ: 524 މިލިއަން ހަރަދުވެއްޖެ، އާމްދަނީއަކީ 390 މިލިއަން

Follow @loamaaOnline
Finance Ministry

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް--- ފޮޓޯ: މިހާރު


މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 390.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ރިޕޯޓަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 390.3 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 474.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ޓެކުހުންނެވެ. އެގޮތުން، ޓެކުހުގެ ގޮތުގައި 275.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީއަށް ލިބުނީ 114.8 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން މުސާރަ އާއި ހިންގުމުގެ ހަރަދަށް 392.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޮފީސްތަކަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ހޯދުމަށް 131.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި އަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ދަރަނި އަދާކުރަން ބަޖެޓުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ފުރަތަމަ ދެ ހަފްތާގައި ވަނީ 312.3 މިލިއަން ރުފިޔާގެ ދަރަނި ދައްކައިފައެވެ.

ސަރުކާރުން ދަރަނި އަންނަނީ ދައްކާނެ ފައިސާ ހޯދަން ދޭދޭ ގައުމުތަކާއި ބޭރުގެ އިންވެސްޓްރުންނާ އެކީ މަސައްކަތް ކުރަމުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok