ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން އަސްކަރީ ޑްރޯންތަކެއް ހޯދަން އެއްބަސްވެއްޖެ

Follow @loamaaOnline
--

--


ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) އެ ކަމަށް ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި ޑްރޯން ގަތުމަށް ބޭނުންވާ ބައެއް ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އެމްއެންޑީއެފްއަށް ދޫކޮށްފައެވެ. ނަމަވެސް މިއިން ޑްރޯނެއް ވިއްކާ ސީދާ އަގެއް ސާފެއް ނުވި އެވެ.

ތުކުރީ ކުންފުންފުންޏާއެކުގައި ރާއްޖެއިންވި އެއްބަސްވުމުގައިވާ ގޮތުން ޑްރޯން ގަތުމަށް ފައިސާ ދައްކަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ބައިބަޔަށް ބަހާލައިގެންނެވެ. 

އަސްކަރީ ޑްރޯންތަކެއް ގަންނަން އުޅޭ ވާހަކައާ ގުޅިގެން ދިވެހި ސަރުކާރުން އަދި މިހާތަނަށް ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް މިފަދަ ޑްރޯންތަކެއް ހޯދަން އުޅޭ ކަމުގެ އިޝާރާތެއް ޗައިނާގެ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވެއެވެ.

އެ ދުވަހު ރައީސް ރައީސް މުއިއްޒު އިންޑިއާއަށް ދޫކޮށްލެއްވި ބަހުގެ ހަމަލާތަކުގައި ވިދާޅުވީ ރާއްޖެއަކީ، ކަނޑުގެ ސަރަހައްދާއެކު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް ކަމަށާއި މި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.

"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސާވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑްރޯންތައް ރާއްޖެ އެތެރެކުރުމަށް ފަހިކުރުމަށް މި އަހަރުގެ ކުރީކޮޅު ރައީސް އޮފީހުން ވަނީ ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މާފުކުރުމުގެ އުސޫލު ވެސް އިސްލާހުކޮށްފަ އެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok