ދުންތަރި: ފަތުރުވެރިކަމުގައި ދިވެހިންގެ މެހެމާންދާރީ ނަކަލު ނުކުރެވޭނެ، އެއީ ބޮޑު ނިޢުމަތެއް!

Follow @loamaaOnline
---

ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން: ފޮޓޯ: ރާއްޖެ އެމްވީ


ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ރާއްޖެ ސިފަކުރަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ. ރާއްޖޭގެ ހުދު ހިމުން ދޮންވެލި ތުނޑިތަކާއި މަސްމަހާމެހިން ޖަރީވެފައިވާ ކަނޑުއަޑީގެ ބަގީޗާތަކާއި ސާފު މޫދަށް އެތައް ބައެއްގެ ހިތް ވަނީ ދީފައެވެ. އޭގެ އިތުރުން ރާއްޖޭގެ ދޮރާށިން އެތެރެވާ ކޮންމެ ފަތުރުވެރިޔަކަށްވެސް ހިނިތުންވުމާއެކު ދިވެހިން އަދާކުރާ މެހެމާންދާރީއަކީ އެ ފަތުރުވެރިން ރާއްޖެއަށް ލޯބި ޖައްސާ ކަމެކެވެ. 

ރާއްޖޭގައި މަތީ ފަންތީގެ އެތައް ރިސޯޓެއް މިއަދު އެބައޮތެވެ. އެކިއެކި ކަންކަމަށް ހާއްސަ ރިސޯޓުތައްވެސް އެބަ އޮތެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް މިއަދު ރާއްޖޭގައި އޮޕަރޭޓްކުރެއެވެ. ފަތުރުވެރިން ބޭނުންވާ ހުރިހާ ވަސީލަތެއް ރާއްޖޭގެ ރިސޯޓުތަކުގައި އެބަހުއްޓެވެ. ކުޅިވަރާއި މުނިފޫހިފިލުވާނޭ ވަސީލަތްތަކެވެ. ތަފާތު ކާނާގެ ބާވަތްތަކެވެ. މޫދު ކުޅިވަރެވެ. މިހެން ގޮސް މި ލިސްޓު ވަރަށް ދިގުވެސް ކުރެވިދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މި ދުވަސްވަރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީބް އިޝްތިހާރުކުރައްވައި ހިއްސާ ކުރެއްވި ފޮޓޯތަކަށް ދިވެހި ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބަޔަކު މަލާމާތްކޮށް ކުޑައިމީސް ބަސްތަކެއް ބުނީޔޯލައެވެ. އެކަމާހުރެ އެ ގައުމުގެ ފިލްމީ ތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ "ބޮއިކޮޓް" ކުރަން ކެމްޕެއިނެއް ފަށާފައެވެ.

ތެދެކެވެ. އެކަމާ ހުރެ އެތައް ހާސް ބުކިންއެއް ކެންސަލްވެއްޖެއެވެ. ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އިންޑިއާ އޮއްވައި މިވަރުގެ ކަމެއް ވުމަކީ ބޮޑު ގެއްލުމެވެ. ފަހަރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ދިއުންވެސް އެކަށީގެންވެއެވެ. ދެންވެސް އޮތް މޮޅު ފަންޑިތައަކީ ދެ ގައުމު ސުލްހަވުމެވެ. ނުވަތަ އިތުރު މާކެޓުތައް ހޯދައި ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމެވެ. 

ލަކްޝަދީބަށްވެސް ރާއްޖޭގެ ފަތުރުވެރިކަން ފަހަތަށް ޖައްސައިލުމަށް އަދި ވަރަށް އަހަރު ނަގާނެއެވެ. އެއީ ރާއްޖެއަށްވެސް މިހާރު ރާއްޖެ އޮތް ހިސާބަށް އާދެވުނީ ވަރަށް ޒަމާނުން ކަމަށްވުމުންނެވެ. އެއާ ހިލާފަށް ދިވެހީންގެ ފުރިހަމަ މެހެމާންދާރީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަމައެކަނި "ނަކަލު ނުކުރެވޭނެ" ބްރޭންޑެވެ. އެއީ ދިވެހީންގެ ލޭގައި ހުރި ސިފައެވެ. އެކަން އިހުގެ ފޮތްތަކުންނާއި ރާއްޖެއަށް އައި ދަތުރުވެރިންގެ ފޮތްތަކުގައި އެހުރީ ފަވައި ނަގައިފައެވެ.

ނޯޓް: ދުންދަރީގައި ގެނެސްދޭނީ އެއިރެއްގައި އެންމެ ޓްރެންޑިން ކަންކަމާ ގުޅޭ ކުރު މައުލޫމާތު ކޮޅެކެވެ. ދުންދަރީގައި ގިނަވެގެން ހިމެނޭނީ ފަސް ޕެރެގްރާފެވެ. ފަހަރުގައި މާ ބޮޑު ތަފްސީލެއް ނޯވެދާނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok