މިދިޔަ ސަރުކާރުން ބަޖެޓްގެ ބޮޑުބައެއް ހޭދަކުރީ މުގުރަށާއި ޕެޕާ ސްޕްރޭއަށް: ރައީސް

Follow @loamaaOnline
pepper spray

ޔާމީންގެ ވެރިކަމުގައި މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހަނީ--- ފޮޓޯ: އިބްރާހިމް ސޮއްޕެ/ޓުވިޓާ


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބަޖެޓުގެ ބޮޑުބައެއް ހޭދަކުރީ ޕެޕާ ސްޕްރޭއަށާއި މުގުރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ކަމަދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައިސް ވިދާޅުވީ،  ދައުލަތަށް ލިބޭ ފައިސާ ހަރަދުކުރަން ވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. ނަމަވެސް  
2013 އިން 2018 އަށް ވެރިކަން ކުރި ފަރާތްތަކަށް އެކަން ނުކުރެވުނު ސަބަބާމެދު މިއަދު ސުވާލު އުފައްދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި ބޮޑެތި ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު އާމްދަނީ ޖަމާކުރެއްވީ ޔާމީންގެ އަމިއްލަ އެކައުންޓަށް ކަމަށެވެ.  

"ލިބުނު އެއްޗެއް ވެއްޖިއްޔާ ހަރަދުކުރަން ޖެހުނީ ޕެޕާ ސްޕްރޭއަށާއި ރައްޔިތުން ޖަލުގައި ބައިތިއްބުމަށް. އަމާންކަން ގެއްލިފައި އޮތީ. ގަދަ ބާރުން ވެރިކަން ކުރަން އުޅުނީ. ތިޔަ ބޭފުޅުން ފުލުސް އޮފީހުގެ ބަޖެޓަށް ބައްލަވައިލެއްވީމަ އެނގިލައްވާނެ. އޭރު މުގުރަށާއި ޕެޕާ ސްޕްރޭއަށް ކޮށްފައިވާ ހަރަދު. ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރަން ޖެހުނީ އެކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރެއްވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީއަށް ވެރިކަންކުރަން ލިބުނީ ހަލަބޮލިކަމުގެ ތެރެއަށް ނުދިއުމުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުރިހާ ސިޔާސީ ލީޑަރުން ކަހަލަގެ ގޮތަކަށް ޖަލަށް ލިއެވެ. އޭގެ ތެރޭގައ އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ހިމެނިވަޑައިގަންނަވައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok