ފެހި ތަނަވަސް މާލެއަކަށް ކުރާ އުންމީދު އާޒިމްގެ މެނިފެސްޓޯއިން

Follow @loamaaOnline
--

މެނިފެސްޓޯ އިއުލާން ކުރުމަށްރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޓިކެޓުގައި މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ


މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމްގެ މޭޔަރުކަމުގައި ކުރައްވާނެ ކަންކަމުގެ މެނިފެސްޓޯ އިއުލާން ކުރައްވައިފި އެވެ.

ސަލްޓަން ޕާކުގައި، އެމްޑީޕީގެ ތަނަވަސް މާލެ މެނިފެސްޓޯ އިއުލާން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެ މަނިކުފާނުގެ އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރު ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އާޒިމްގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ގެދޮރުވެރިކަން، ސާފު މާލެ، ފަސޭހަ މާލެ، ޓްރާންސްޕޭރެންސީގެ އިތުރުން ނަފާވާ މާލެ އެވެ.

މެނިފެސްޓޯ އިއުލާނުކުރައްވައި، އާޒިމް ވިދާޅުވީ، އޭނާ މޭޔަރުކަމަށް ހޮވިއްޖެނަމަ އެމްޑީޕީ ސަރުކާރުގައި ބިން ދޫކުރި މީހުންނަށް އެތަންތަން ހޯދައިދޭނެ ކަމަށާއި ފްލެޓުގެ ހައްގުވެރިންނަށް އެ ތަންތަން ހަވާލުކުރުމަށްވެސް ވަކާލާތުކުރައްވާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކޮށް އެ ތަންތަން ތަރައްގީ ކުރާނީ ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ކަމަށެވެ. އަދި ކުނީގެ މައްސަލަ ހައްލު ކުރުމަށް ޕޮކެޓް ކަލެކްޝަން ސެންޓަރުތަކެއް ހަދާނެ ކަމަށް ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވީ، މާލޭގައި އުޅޭ ބުޅާތަކަށް ޕާކެއް ހަދައިދީ އެތަނުން ބުޅާތަކަށް ހުރިހާ ހިދުމަތެއް ލިބޭގޮތް ހަ މަސްދުވަސްތެރޭ ހަދައި، ބުޅަލުގެ މައްސަލަ ވެސް ހައްލުކުރައްވާނެ ކަމަށެވެ. 

އާޒިމް ވިދާޅުވީ މާލެ ތަރައްގީ ކުރާއިރު އެންމެ އިސްކަމެއް ދޭނީ މާލެ އަކީ އުޅޭ ހިތުން އުޅޭ ތަނަކަށް ހެދުމާއި އަންނަ ހިތުން އަންނަ ތަނަކަށް ހެދުން ކަމަށާއި އެގޮތުން ޕާކިން ބިލްޑިން އަޅާ އެ ތަނަކީ އާންމުންނަށް ހިތްފަސޭހަ ކޮށްލަން ލިބޭ ތަނަކަށް ހަދާނެ ކަމަށާާއި ލޮނުޒިޔާރަތްކޮޅަށް އުދަ އަރާ މައްސަލަ ހައްލުކޮށް، އެތަން ސްކޭޓް ކުރާ ތަނަކާއެކު ތަރައްގީ ކުރުމުގެ އިތުރުން  މާލެ ސިޓީ މެރެތަން، މާލެ ސިޓީގެ ފުޓްސެލް ތައާރަފްކޮށް، އިޖުތިމާއީ އިވެންޓްތައް އިތުރު ކުރައްވާނެ ކަމަށެވެ.

އާޒިމްގެ ވިދާޅުވީ، އޭނާގެ މޭޔަރު ކަމުގައި ސިޓީ ކައުންސިލްގެ އެއްވެސް ކަމެއް ނުފޮނުވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ހާމަކޮށް،  ކައުންސިލްގެ ހުރިހާ ބައްދަލުވުމަކާއި ހުރިހާ ކަމެއްގައި މާލޭގެ ޑަބްލިޔުޑީސީ 18 މެމްބަރުން ބައިވެރި ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެެވެ.

އާޒިމް ވަނީ، އޭނާގެ މޭޔަރުކަމުގައި މާލޭގައި ޒަމާނީ މަސް މާރުކޭޓެއް އަޅައި ކާނިވަލެއް އެޅުމުގެ އިތުރުން ޝޮޕިން މޯލްތަކަށް ޖާގަ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ.

މޭޔަރު ކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13ގަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok