އާ 8 ބާވަތެއްގެ ޑްރަގު ރާއްޖޭގައި ދައުރުވަނީ، ގާނޫނު އޮތް ގޮތުން އެޅޭނެ ފިޔަވަޅެއް ނެތް!

Follow @loamaaOnline
--

--


މި ފަހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން އާ ބާވަތެއްގެ އަށް ޑްރަގެއް ހިފަހައްޓާފައިވާ ކަމަށާއި ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެ ބާވަތުގެ ޑްރަގު ބަޔާންކޮށްފައި ނެތުމުން ފިޔަވަޅު އަޅަން ދަތިވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމަށް ބަޔާންކޮށްފައިވަނީ 139 ވައްތަރެއްގެ ޑްރަގެވެ. މިއީ 2011 ވަނަ އަހަރު އެކުލަވާލި ގާނޫނަކަށްވާއިރު އެ ގާނޫނު ވުޖޫދުވި ފަހުން މި ލިސްޓަށް ޑްރަގެއް އިތުރެއް ނުކުރެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، ފުލުހުން މަސްތުވާތަކެތި ކަމަށް ބަލަނީ ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ ބާވަތުގެ މަސްތުވާތަކެތި ކަމަށާއި ނަމަވެސް، މިފަހުން އަށް ބާވަތެއްގެ އާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. 

"ޖަދުވަލުގައި ނުހިމެނޭތީވެ ގާނޫނުގެ މިންގަނޑުގެ ތެރޭގައި މަސައްކަތް ނުކުރެވި އެބަދޭ. މިކަންކަން ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ދިރާސާކޮށްގެން މި ކަންކަން ކުރަނީ. އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުން އަދި ބެސްޓް ޕްރެޓިކްސްގައިވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައި ވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ، އެ ބާވަތްތަކަކީ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާތީ، އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. 

"އެހެން ނަމަވެސް ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައި ނުވާތީވެ ގާނޫނީ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިތައް އެބަހުރި."

ޝާކިރު އިތުރަށް ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ގާނޫނަށް އިސްލާހު ގެންނަން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށާއި ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން މީގެ ކުރިންވެސް ދިރާސާކޮށްފައިވާ ކަމަށާއި އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ގާނޫނު އިސްލާހުކުރުން ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok