ކުޑަ ޕާޓީއެކޭ ކިޔަނީ ޕީއެންސީ ނޭނގޭތީ، ޕީޕީއެމަކީވެސް ޕީއެންސީއަކީވެސް ރައީސް ޔާމީން: އަދުރޭ

Follow @loamaaOnline
PNC President AbdulRaheem Abdulla (Adhurey)

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) --- ސަން ފޮޓޯ: ފަޔާޒް މޫސާ


އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގެންނެވީ ކުޑަކުޑަ ޕާޓީއަކުން ކަމަށް ބުނެ، އޭނާއަށް އަމާޒުކުރާ ފާޑުކިއުންތަކަށް ޕީއެެންސީގެ ރައީސް އަދި ޮޕްރިގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ރައްދު ދެއްވައިފި އެވެ.

މުއިއްޒަކީ ކުޑަ ޕާޓީއަކުން ނުކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓެއް ކަމަށް އެެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ ވިދާޅުވެފައެވެ. އަދި އެހެން ބައެއް ޕާޓީތަކުންވެސް ވަނީ އެގޮތަށް ސިފަކޮށްފައެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދާ ކެމްޕެއިނުގައި މަރަދޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި އަދުރޭ ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީއަކީވެސް ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. 

"އަޅުގަނޑުމެންގެ ވާދަވެރިން އެބަ ބުނޭ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި ބޭފުޅެކޭ، ޕީއެންސީން ނުކުމެ ހުރި ކެންޑިޑޭޓެކޭ. އެހެން އެ ވިދާޅުވާ ބޭފުުޅުންނަށް ޕީއެންސީ އަކީ ކޯއްޗެއް ކަން ނޭނގޭތީ އޭ އަޅުގަނޑު ދަންނަވާނީ އެހެން އެ ވިދާޅުވަނީ. ޕީޕީއެމް އަކީ ޕީއެންސީ، ޕީއެންސީ އަކީ ޕީޕީއެމް. މި ދެޕާޓީއަކީ ރައީސް ޔާމީން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަދުރޭ ވަނީ ޕީޕީއެމް-ޕީއެންސީ ބައިބައިކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެެވެ. އަދި ޕީއެންސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ރައީސް ޔާމީންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަކީ، ޕީޕީއެމްގެ މިލްކުވެރިކަން ހޯއްދަވަން އެޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކޯޓަށް ވަޑައިގެންނެވުމުން، ކުރީގެ ރައީސް އަދި އެ މަނިކުފާނުގެ ކޮއްކޯފުޅު ޔާމީނުގެ އެންގެވުމަކަށް ހެދި ޕާޓީ އެކެވެ. ޕީއެންސީ ރަޖިސްޓްރީކުރަން ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ހިމެނޭހެން 3،000 މެމްބަރުން ހަމަކުރީ ޕީޕީއެމްގެ އާއްއް މެމްބަރުންވެސް އެ ޕާޓީއަށް ބަދަލުވެގެންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok